ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަކީ މަސްދޯނި ފަހަރަށް ވުރެ ޑްރަގް ބޯޓް ފަހަރު ގިނަވާން ދޫކޮށްލުމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ އިންޑިއާ ކަނޑުގައި އޮތް ކަނޑުގެ ސަރަހައްދު ބޮޑު ގައުމެއްކަމުގަ އެވެ. ބަދަލުވަމުންދާ ދުނިޔޭގެ އޮއިވަރާއި ކާރޫބާރޫގެ ތެރެއިން އުފެދެމުންދާ ނުރައްކާތެރި އުދަބާނި ރާއްޖޭގެ ހުރަހަށާ ދިގަށް ހިނގަމުންދާ ކަަމަށް ރައީސް ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ސަރަހައްދު އެއްގަމާއި ވައިގެ މަގުން ބެލެހެއްޓޭނެ ވަރުގެ މަދަދެއް ރާއްޖެއަށް ލިބުމަކީ ކުށްވެރިންނަށް ކެތްވާވަރުގެ ކަމެއް ނޫން. ދިވެހި ދައުލަތުގެ ދަށުގައިވާ އެއްގަމާ ކަނޑާ ވައިގެ ސަރަހައްދު މި ދެންނެވި ބޭނުންތަކަށް ދުލެއް ނުކުރެވޭނެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަކީ މަސްދޯނި ފަހަރަށް ވުރެ ޑްރަގް ބޯޓް ފަހަރު ގިނަވާން ދޫކޮށްލުމެއް ނޫން. އެކަމެއް އަޅުގަނޑުމެން ނުކުރާނަން. ކުރިޔަކަނުވެެސް ދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސާލިހު އިޝާރާތްކުރައްވާފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން "އިންޑިއާ އައުޓް"ގެ ނަމުގައި ހިންގާ ކެމްޕެއިން އަށެވެ.

ސަރުކާރުން ބުނާގޮތުން އެ ކެންޕެއިނަކީ ޑްރަގް ވިއްކާ މީހުން އަޑީ ތިބެގެން ހިންގާ ކެންޕެއިނެކެވެ. އަދި އިންޑިޔާއިން ރާއްޖެއަށް އެހީތެރިކަން ދެމުންދަނީ މިއފަދަ ޑްރަގް ބޯޓުތައް ހުއްޓުވާ އެމީހުން ހޯދުމަށް ކަމަށާއި އެއީ އެކަމާ ދެކޮޅަށް ހިންގާ ކެމްޕެއިންއެއް ކަމަށް ސަރުކާރުން ބުނެ އެވެ. ނަމަވެސް އިދިކޮޅުން ބުނަމުންދަނީ މިއީ ރާއްޖޭގެ މިނިވަން ކަމާ އިސްތިގްލާލަށް ބުރޫ އަރާގޮތަށް ސަރުކާރުން އެގްރީމެންޓްހަދާ އިންޑިޔާގެ މިލިޓަރީ ސިފައިން ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ބައިތިއްބާފައިތިބި ތިބުމާ ދެކޮޅަށް ހިންގާ ކެމެޕެއިންއެއް ކަމަށެވެ. އަދި ޑްރަގް ނެޓްވާކްތަކާ އެންމެ ގާތްގުޅުމެއް އޮންނަނީ މިސަރުކާރުގެ ބޮޑުންނާ ކަމަށާއި އެމީހުން ހައްޔަރު ކުރުމަށްފަހު ސަރުކާރުން ދޫކޮށްލަނީ ކަމަށްވެސް އިދިކޮޅުން ބުނެ އެވެ.