އައިޖީއެމްއެޗްއިން ޑޮކްޓަރަށް ދައްކަން ކިއުގައި ތިބޭ ފަރާތްތަކަށް ޑޮކްޓަރަށް ދެއްކުމަށް ތާރީހަކާއި ވަގުތެއް ކަނޑައެޅުމަށް ނިންމައިފި އެވެ.

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިީއެމްއެޗުން މިގޮތަށް ނިންމީ ޑޮކްޓަރަށް ދެއްކޭނެ ތާރީހަކާއި ވަގުތެއް ނޭނގުމުގެ ސަބަބުން ހިދުމަތަށް އެދޭ ފަރާތްތަކަށް ގިނަ މައްސަލަތަކާއި ކުރިމަތިލާންޖެހި އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

އެ ހޮސްޕިޓަލުގެ ޗީފް އިންފޮމޭޝަން އޮފިސަރު މުސްތަފާ ވިދާޅުވީ އައިޖީއެމްއެޗުން ލިބޭ ހިދުމަތްތައް ލުއި ގޮތަކަށް ހެދުމަށް އައު ސިސްޓަމަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކިއުގައި ތިބޭ މީހުންނަށް ޑޮކްޓަރަށް ދެއްކޭނެ ތާރީހަކާއި ވަގުތެއް ކަނޑައަޅައި އެންގުމަށް ނިންމާފައިވާ ކަަމަށް މުސްތަފާ ވިދާޅުވި އެވެ.

"ޖެނުއަރީން ފެށިގެން އާ ސިސްޓަމަކަށް ބަދަލުވެގެން ދިޔައީމަ، ކޮންމެ ރައްޔިތަކަށް ޑޭޓަކާއި އެއްކޮށް ކޮން ޓައިމެއްގައިކަން އަންނަން އެނގުނީމާ ކުރިޔާލާ ޕްލޭންކުރަން ވެސް ފަސޭހަ ތަކެއް ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗުން ސިއްހީ ފަރުވާ ހޯދުމަށް އަތޮޅު ތެރެއިން ވެސް ގިނަ ބަޔަކު މާލެއަށް ދަތުރުކުރާއިރު، ޑޮކްޓަރަށް ދެއްކުމަށް ވަކި ދުވަހެއް ނޭނގި މާލޭގައި މަޑުކުރަންޖެހުމަކީ، ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ. ނަމަވެސް އައިޖީއެމްއެޗްއިން ގެންނަ މި ބަދަލަށްފަހު ގިނަ ބަައެއްގެ މިފަދަ ދަތިތަކަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެ އެވެ.