މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ.

މެޓުން ސަމާލު ނެރުނީ މިއަދުގެ ހެނދުނު 7:07 ގަ އެވެ. އަދި މިއަދުގެ ހެނދުނު 7:20 އިން ފެށިގެން 12:30 އާއި ހަމައަށް އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެ އެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ.

މެޓުން މީގެ ކުރިން މޫސުމަށް ސަމާލުވުމަށް އަންގާފައި ވަނީ ރ. އަތޮޅުން ފެށިގެން އައްޑޫއާއި ހަމައަށެވެ. އެ އަތޮޅުތަކަށް ވެސް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ.

މިފަދަ ދުވަސްތަކުގައި ދަތުރުފަތުރުކުރުމުގައި މޫސުމަށް ރައްކާތެރިވުމަށް މެޓް އިން އަންގާފައިވާއިރު، އެމްއެންޑީއެފުންވެސް ވަނީ ރައްކާތެރިކަން އިސްކުރުމަށް އިލްތިމާސްކޮށްފަ އެވެ.