ވޮޝިންޓަން (13 ޑިސެމްބަރު) - އެކި ކަހަލަ ތޫފާނާއި ފެންބޮޑުވުމާއި ނަގޫރޯޅި އަދި ގުދުރަތީ އަލިފާން ފަދަ ނުރައްކާތެރި މޫސުމީ ހާދިސާތައް ދެން ދާނީ އިތުރު ވަމުން ކަމަށް އެމެރިކާގެ އެމެޖެންސީ މެނޭޖްމަންޓްގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވެފައި ވަނީ ދެކުނު އެމެރިކާގެ އެކި ސަރަހައްދުތަކަށް ނަގޫރޯޅީގެ ތޫފާނެއް އަރައި ބޮޑު ގެއްލުންތަކެއް ވެފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައި ވަނިކޮށެވެ.
އެގޮތުން ހުކުރު ދުވަހާއި ހޮނިހިރު ދުވަހު މުޅި ޖުމްލަ 24 ނަގޫރޯޅި ދެކުނު އެމެރިކާގެ އެކި ސަރަހައްދުތަކަށް އަރާފައިވާ ކަމަށާއި މި ހާދިސާތަކުގައި 90 މީހުން މަރުވެ ގިނަ ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އިދާރާތަކުން ބުނެ އެވެ. ހަމަ އެއާއެކު އުމްރާނީ ގިނަ ގެއްލުންތަކެއް ވެސް ވަނީ އެ ސަރަހައްދުތަކަށް ލިބިފަ އެވެ.
"މީ އަހަރުމެންގެ އާ އާއްމު ހާލަތަށް ވެގެންދާނެ،" އެގައުމުގެ ފެޑެރަލް އެމެޖެންސީ މެނޭޖްމަންޓް އެޖެންސީގެ ވެރިޔާ ޑީން ކްރިސްވެލް ވިދާޅުވި އެވެ.
ކްރިސްވެލް އިތުރަށް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މިފަދަ ހާދިސާތަކަކީ މިޖީލުގެ ހަގީގަތް ކަމަށާއި އެފަދަ ހާދިސާތަކާ ކުރިމަތި ލުމުގައި ސަރުކާރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ހޮނިހިރު ދުވަހު ވިދާޅުވީ މި ކުރިމަތިވި ނަގޫރޯޅިތަކަކީ އެގައުމުގެ ތާރީހުގައި ވެސް ކުރިމަތިވި އެންމެ ނުރައްކާމތެރި ނަގޫރޯޅީގެ ހާދިސާއަށް ވާނެ ކަމަށެވެ.
ސައިންސްވެރިން ވެސް ވަނީ ކުރިއަށް އޮތް ތަނުގައި މޫސުމީ ހާދިސާތައް އިތުރުވާނެ ކަމުގެ އިންޒާރު ދީފަ އެވެ. – ދަ ސްޓްރެއިޓް ޓައިމްސް