ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މެމްބަރުންނަކީ ކާފަރުން ކަމަށް ރާއްޖެ އެމްވީ އިން ސިފަކޮށްފި އެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްގެ ހިއްސާ އޮންނަ ރާއްޖެ އެމްވީއިން "މިޒަމާނުގައި ދައްޖާލަށް ސައިކުރާ ކައްކައިދޭ ގޮތުގެ މިސާލަކީ އިދިކޮޅުން ހިންގާ އިންޑިއާ އައުޓް" ގެ ނަމުގައި އެ ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައި ވަނީ "ބަދުރު ހަނގުރާމައިގާ މަރުވި ކާފަރުންގެ މައްޗަށް ރޮއެދޭން ނުކުތް ޖާހިލިއްޔަ ޒަމާނުގެ މީހުންނެކޭ ޕީޕީއެމެކޭ ތަފާތެއް" ނެތް ކަމަށެވެ.

ބަދުރު ހަނގުރާމާއިގައި މަރުވި ކާފަރުންގެ މައްޗަށް ރޮއެދޭން ނުކުތް ޖާހިލިއްޔަ ޒަމާނުގެ މީހުންނަކީ ވެސް ކާފަރުންނެވެ. އެހެން ކަމުން މި ލިޔުމުގައި ރާއްޖެއެމްވީ އިން ޕީޕީއެމް މީހުން އެއްފަދަކޮށްފައި ވަނީ ކާފަރުންނާ އެވެ.

މީގެ އިތުރުން ވެސް މި ލިޔުމުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދަށް ނިސްބަތްކޮށް ވެސް ބޭއަދަބީ ބަސްތައް ބޭނުންކޮށްފައިވެ އެވެ. މިގޮތުން އެމަނިކުފާނަށް ނިސްބަތްކޮށް "ދެތަލި ތަތްލި ވަހީދު" މިގޮތަށް ލިޔެފައިވެ އެވެ.

އެ ލިޔުން ލިޔެފައި ވަނީ "ދެލިކޮޕީ" ނަމުގަ އެވެ. އެހެން ނަމަވެސް މިލިޔުން އެންމެ ފަހު ރިވިއު ކޮށްފައިވަނީ ހަވީރު ނޫހާއި ވީޓީވީގައި ގިނަ ދުވަސްތަކެއްވަންދެން ނޫސްވެރިއެއްގެ ގޮތުގައި އުޅުނު ސ. މީދޫއަށް އުފަން އިމާދު ލަތީފެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ ހިއްސާ ވެސް އޮންނަ ރާއްޖެއެމްވީއަކީ މީގެ ކުރިން ވެސް މީހުންނާ ދިމާލަށް ބޭއަދަބީ ބަސްތަކުން ބުހާތަބުކޮށް ހަބަރު ފަތުރާފައިވާ އޮންލައިން ވެބްސައިޓެއްކެވެ. އަދި އެމްޑީޕީއާ ދެކޮޅު މީހުންގެ އަބުރު ކަތިލުމުގައި ވެސް އެ ނޫހުން މަސައްކަތްކުރެ އެވެ. ދޮގު މައުލޫމާތާއި ރައްޔިތުން މެދުގައި ނަފުރަތު އުފެދޭ ގޮތަށް މައުލޫމާތު އަބަދުވެސް ގެނެސްދޭ ނޫހެއްކަން ފާހަގަ ކޮށްލެވެ އެވެ.

މީގެ އިތުރުން ރައީސް މުހައްމަދު ނަޝީދު ވެސް ރާއްޖެއެމްވީ ސިފަކޮށްފައިވަނީ ދޮގު މައުލޫމާތާއި ބޭއަދަބީ ބަސްތައް ބޭނުން ކުރާ ނޫހެއް ގޮތުގަ އެވެ.

ރާއްޖެއެމްވީގައި ސާއިރުކޮށްފައިވާ ހަބަރުގެ ސްކުރީސޮޓެއް

ރާއްޖެއެމްވީގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މެމްބަރުންނަކީ ކާފަރުން ކަމަށް ސިފަކޮށްފައިވާއިރު މިއީ ރައްޔިތުންގެ މަޖިލީހުން އެމްޑީޕީ މެމްބަރުންގެ ތާއީދާއެކު ފާސްކޮށްފައިވާ ގާނޫނުލް އުގޫބާތަށް ގެނެވުނު އިސްލާހާއި އެކު ޖިނާއީ ކުށެއްކަން ވެސް ފާހަގަކުރެވެ އެވެ.

މިގޮތުން ތަކްފީރު ކުރުމުގެ އަމަލާއި، މީހެއްގެ ނަސްލާއި، އުފަންވީ ޤައުމާއި، ކުލައާއި، ސިޔާސީ ވިސްނުމާއި ގުޅިގެން ހިންގާ ބައެއް ކަހަލަ އަމަލުތަކަކީ ކުށްތަކެވެ. ޤާނޫނުލް އުގޫބާތުގެ 124 ވަނަ މާއްދާގެ ހ. ގައި ބުނާގޮތުން މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު ނުވަތަ ކުފުރުގެ ބަހެއް ފާޅު ނުކުރާހާ ހިނދަކު، ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ނުވާހާ ހިނދަކު އާންމު ތަނެއްގައި އެމީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދު ވެފައިވާ މީހެއްގެ ގޮތުގައި ސިފަ ކުރުމަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެއްކަމުގައި ޤާނޫނުލް އުޤޫބާތުގައި ބުނެފައިވެ އެވެ. އެ ކުށުގެ އަސާސީ އަދަބަކީ 4 މަހާ 24 ދުވަހަށް ޖަލަށްލުމެވެ.