ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު މިރޭ އަވަހާރަވެއްޖެ އެވެ.

ހުސެއިންގެ އާއިލާގެ ބޭފުޅަކު "ހުރިހާ"އަށް ވިދާޅުވީ، ހުސެއިން އަވަހާރަވީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯއްދަވާތާ ގިނަ ދުވަސްތަކެއް ފަހުން، ހާލުކޮޅު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެއްވަމުން ގެންދަވަނިކޮށް މިރޭ 1:25 ހާއިރު ކަމަށެވެ. އޭނާގެ ހާލުކޮޅު ގޯސްވެގެން އޭޑީކޭގައި ފަރުވާ ހޯއްދަތާ ދެ ހަފުތާއެއްހާ ދުވަސްވެފައިވެ އެވެ.

ށ. ފޯކައިދުއަށް އުފަން ހުސެއިންގެ ސިއްހީ ހާލުކޮޅު ގޯސްވެގެން މިއަހަރު ކުރީކޮޅު ޔޫއޭއީގެ ދުބާއީގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ވެސް އެތައް ދުވަހަކު އޮންނެވި އެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް ދުބާއީގައި އެތައް މަހަކަށް ފަހު މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ހުސައިން ވަހީދު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެ ޖަލްސާގައި ހުސައިން ވަނީ އޭނާ އާލާސްކަންފުޅާ އުޅުއްވާ ކަން ފާހަގަކުރައްވާ އޭރު ވެސް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިދިޔަ ދުވަސްތަކުގައި އޭނާގެ ހާލު އޮޅުންފިލުވި އެންމެންނަށް ހުސައިން ވަނީ ޝުކުރު ވެސް އަދާކުރައްވާފަ އެވެ.

ހުސައިންގެ ތިން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ. އެއީ ދެ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅެކެވެ. އަދި އަނބިކަނބަލުން ވެސް ދުނިޔޭގައި އެބަ ހުންނެވި އެވެ.

މެމްބަރު ހުސެއިން 53 އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެމްޑީޕީގެ ގިނަ އަދަދެއްގެ އިސް ބޭފުޅުން ގެންދަވަނީ ތައުޒިޔާ ފޮނުވަމުންނެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޓުވިޓާގައި ވިދާޅުވެފައި ވަނީ މެންބަރު ހުސެއިން ވަހީދަކީ 17 އަދި 19 ވަނަ ރައްޔިތުންގެ މަޖްލީހުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.

"ހުސެއިން ވަހީދު ނިޔާވި ޙަބަރު އަޑުއެހީ ވަރަށް އަސަރާ ފުން ހިތާމަޔާއެކު. ހުސެއިން ވަހީދައް ސުވަރުގެ މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން،" އޭނާ ވިދާޅުވެފައިވެ އެވެ.

މިއީ އުނގޫފާރު ދާއިރާގެ މަޖްލިސް މެމްބަރު ޑރ. އަފްރާޝީމް އަލީއަށްފަހު، މިދިޔަ ދެ ދައުރުގައި ވެސް މަޖިލީހުގެ މެމްބަރަކު އަވަހާރަވި ފުރަތަމަ ފަހަރެވެ. ހުސެއިން އަވަހާރަވުމުން، ގާނޫނުގައިވާ ގޮތުން ކޮމަންޑޫ ދާއިރާގެ މަޖިލީހުގެ ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރުމަށް ބައި އިލެކްޝަނެއް ބާއްވަން ޖެހޭނެ އެވެ.

ހުސެއިންގެ ޖަނާޒާ އޮންނާނީ މިއަދުގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ.