މީގެ ވިއްސަކަށް އަހަރު ކުރިން އަޅުގަނޑު ނޫސްވެރިކަމުގެ ދާއިރާއަށް ވަންއިރު ހަބަރެއް ހޯދުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ރާއްޖޭގައި ހިނގާ ކަންކަން ވަރަށް މަދެވެ. ނަމަވެސް މިނިސްޓަރު އުމަރު ޒާހިރަށް ގުޅައިފި ނަމަ ކޮންމެ ވެސް މަޝްރޫއެއްގެ އަޕްޑޭޓެއް ދެއްވާނެ އެވެ. އެއީ އެ މަނިކުފާނަކީ މުޅި ރާއްޖޭގެ ތަރައްގީގެ ހުރިހާ މަޝްރޫއެއް ހިންގަވާ ވަޒީރަށް ވީމަ އެވެ.
2000 ވަނަ އަހަރު ކުރީކޮޅަކީ އުމަރު ޒާހިރުގެ ހަޔާތުގައި ވެސް އެންމެ ބިޒީ އެއް ދުވަސްވަރަށް ވާނެ އެވެ. އޭރުގެ ދިޔައީ ހުޅުމާލެ ހިއްކުމުގެ މަސައްކަތާއި ތިލަފުށި ހިއްކުމާއި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި މާލޭގެ އެއްގަމުތޮށީގެ އެންމެ ފަހު ބައި ނިންމުމުގެ މަސައްކަތާއި ފުވައްމުލަކު ބަނދަރު ހެދުމުގެ ވެސް ކުރަމުންނެވެ. ނަމަވެސް ހުކުރެއް ހޮނިހިރެއް ނެތި ހަފުތާގެ ކޮންމެ ދުވަހަކު ވެސް އުމަރު ޒާހިރު އެ ޕްރޮޖެކްޓްތައް ބައްލަވާލެއްވުމަށް އެ ސަރަހައްދަށް ވަޑައިގެން ނޫޅުއްވާ ދުވަހެއް ވަރަށް މަދުވާނެ އެވެ.
ނޫސްވެރިންނާ ގާތް ގުޅުމެއް ބާއްވާ އުމަރު ޒާހިރަށް ފޯނު ކުރައްވައިފި ނަމަ މާޔޫސްވާނެ ޖަވާބެއް ނުދެއްވަ އެވެ. އެ ވަގުތު ހިނގާ މުހިންމު މަޝްރޫއެއްގެ މައުލޫމާތު ދެއްވާނެ އެވެ. ނުވަތަ އެ ޕްރޮޖެކްޓެއް ހިނގާ ތަނަކަށް ވެސް އެމަނިކުފާނު ނޫސްވެރިން ގެންދަވަ އެވެ.
އެ މަނިކުފާނު އަރިހުގައި ގިނަ ދުވަސްތަކެއް ވަންދެން ޕަބްލިކް ވާކްސް މިނިސްޓްރީގައި މަސައްކަތްކުރެއްވި ބޭފުޅަކު ވެސް ވިދާޅުވީ އުމަރު ޒާހިރު ފަދަ ހީވާގި މަސައްކަތަށް ފަރުވާ ބަހައްޓަވާ ހިންގުންތެރި ވެރިއަކު ނުދެކޭ ކަމަށެވެ.
"އެ މަނިކުފާނަކީ މަސައްކަތްތައް ކުރިޔަށް ގެންދަންވީ ގޮތް ރާވާލަން ވަރަށް ކުޅަދާނަ ބޭފުޅެއް. އަޅުގަނޑުމެންގެ ވިސްނުމަށް ނާންނަ ކިތަންމެ ގޮތެއް އުމަރު ޒާހިރު ވިދާޅުވާނެ،" އޭނާ ވިދާޅުވި އެވެ.
އެ ބޭފުޅާ ވިދާޅުވީ އުމަރު ޒާހިރު އަރިހުގައި މަސައްކަތްކުރުމަކީ ސްކޫލެއްގައި ނުވަތަ ކޮލެޖެއްގައި ކިޔެވުން ފަދަ ކަމެއް ކަމަށެވެ. އަދި އެމަނިކުފާނު އަންގަވާ ގޮތަކަށް މަސައްކަތްކުރި ގިނަ މީހުންނަކީ މިހާރު ވެސް މަސައްކަތުގެ މައިދާނުގައި އެންމެ ކާމިޔާބު ނަން ހިނގާ ބޭފުޅުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުމަރު ޒާހިރު ނުވަތަ ނިޝާން އިއްޒުއްދީނުގެ ވެރިޔާ ގިނަ ބަޔަކު ސިފަކުރަނީ 50 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި ގައުމަށް އިޚްލާސްތެރި އަގުހުރި ގިނަގުނަ ޚިދުމަތްތައް ކުރައްވާފައިވާ މުރާލި ހީވާގި ގައުމީ މުވާޠިނެއްގެ ގޮތުގަ އެވެ. ގައުމީ ބޮޑެތި މަސައްކަތްތައް އަމަލީ ގޮތުން ހިންގެވުމާއި އެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބެއްލެވުމާއި، އިޖުތިމާއީ އަދި ގައުމީ އެންމެހައި ކަންކަމުގައި ހަރަކާތްތެރިވެވަޑައިގަތުމުގެ ލާމަސީލު މިސާލެއް އަދި ނަމޫނާ ޝަޚްސިއްޔަތެއްގެ ގޮތުގައި ވެސް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
އުމަރު ޒާހިރު އަދާކުރެއްވި ކުރެއްވި މުހިންމު ބައެއް މަގާމުތައް:
- 1950، 1960، 1970ގެ އަހަރުތައް: ދާޚިލިއްޔާގެ މަގާމުތައް
- އައްޑޫ ގަމުގެ ލިއެޒަން އޮފީހުގެ ވަޒީފާ
- މަޖީދިއްޔާގެ ހެޑްމާސްޓަރު
- ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާ
- ބަނޑޮސް ރިސޯޓްގެ މެނޭޖަރު (ސަރުކާރުގެ ވަޒީފާއެއް ނޫން)
- މިނިސްޓަ އޮފް އެޑިޔުކޭޝަންގެ ނައިބު
- މިނިސްޓަ އޮފް ހޯމް އެފެއާޒްގެ ނައިބު
އުމަރު ޒާހިރު އަދާކުރެއްވި، ސަރުކާރުގެ އިސް މަގާމުތައް:
- މާލޭ މުނިސިޕަލްޓީގެ ރައީސް (1980 ން 1993)
- މިނިސްޓަ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސާވިސަސް 1983 ން 1988 (ދާޚިލީ އަދި އިޖުތިމާއީ ޚިދުމަތްތައް، ފެންޝަން، ސޯޝައަލް ވެލްފެއާ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުން، ތިމާވެށި ރައްކާތެރިކުރުން، މިނޫން ވެސް އިޖުތިމާއީ ކަންކަމާ ބެހޭ ވަޒީރު)
- މިނިސްޓަ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް 1988 ން 1993 (ދާޚިލީ ވަޒީރު އަދި ކުޅިވަރާބެހޭ ފުރަތަމަ ވަޒީރު)
- މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސް 1993 ން 2004
- މިނިސްޓަރ އޮފް ހޯމް އެފެއާޒް 2004-2005(ދާޚިލީ އަދި ފުލުހުންގެ ވަޒީރު)- ސީނިއަރ މިނިސްޓަރ 2005-2008(ރައީސުލްޖުމްހޫރިއްޔާގެ އޮފީސް)
ކުރެއްވި ޚާއްސަ ޚިދުމަތްތައް:
- 1960ގެ އަހަރުތަކުގައި ރާއްޖެއަށް ފުރިހަަމަ މިނިވަންކަން ހޯދުމަށް ކުރެވުނު ގައުމީ ޜޫޙާއި ޖޯޝާއި ފޯރީގެ މަސައްކަތްތަކުގެ އިސްސަފުގައި.
- މަޖީދިއްޔާގައި އިލްމީ އަހުލާގީ ނަމޫނާ ދަރިވަރުން ބިނާކުރެއްވުން
- މާލޭގެ ތަރައްގީގެ ބޮޑެތި ހުރިހާ މަސައްކަތްތައް އަދި މާލޭ މަގުހެދުމުގެ މަޝްރޫއު މާލޭގެ އެއްގަމުތޮށްޓާއި ކަނޑުތޮށީގެ މަޝްރޫއު
- ހުޅުމާލެ ތަރައްގީކުރުމުގެ މަޝްރޫއު
- ކުނިނައްތާލުމުގެ މަޝްރޫއާ ކަމާބެހޭ މަސައްކަތްތައް
- ތިލަފުށި ހިއްކުން އެކަމާގުޅޭ އެންމެހައި މަސައްކަތްތައް
- ފުވައްމުލަކު ބަނދަރުގެ މަޝްރޫއު
- ރަށްރަށުގެ ބަނދަރުގެ މަސައްކަތްތައް
- ކުޅިވަރު ރޫޙާއި ޖޯޝާއި ފޯރި އެންމެ ގަދަވި ރަންޒަމާނުގެ ހިންގުންތެރި ވަޒީރު