ފުރަމާނަ ދަތުރުފުޅެއްގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މިއަދު މެންދުރު ފަހު ރާއްޖެ ވަޑައިގެންފި އެވެ.

އެކަމަނާއަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލާއި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލް އަފޫރު މުހައްމަދެވެ. މަރުޙަބާ ދެއްނެވުމުގެ ގޮތުން ބޮޑުވަޒީރު ހަސީނާގެ ޝަރަފުގައި އެމްއެމްޑީއެފުން ވަނީ ގާޑް އޮފް އޮނާއެއް އަރުވާފަ އެވެ.

ޝައިޚް ހަސީނާގެ މި ދަތުރުފުޅަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަހަރުގެ މާޗް މަހު ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގައި އެކަމަނާއަށް އެރުވި ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މިއީ ދެ ދުވަހުގެ ދަތުރުފުޅެކެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރާއްޖެ ވަޑައިގަތުމުން އެކަމަނާއަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލު މަރުޙަބާ ދަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ދަތުރުފުޅުގެ ރަސްމީ ހަރަކާތްތައް އޮންނާނީ މާދަމާ އެވެ.

‎މި ދަތުރުފުޅުގައި އެކަމަނާ އާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ވާހަކަފުޅުތަކުގައި، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމާބެހޭ ގޮތުން މަޝްވަރާކުރައްވާނެ އެވެ. އަދި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން އެމްއޯޔޫތަކެއްގައި ސޮއިކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރާއްޖެ ވަޑައިގަތުމުން އެކަމަނާއަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލު މަރުޙަބާ ދަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

އެގޮތުން މަސްވެރިކަމުގެ ދާއިރާ، އަދި އެނޫން ވެސް އެކި ދާއިރާތަކުން މީހުން ބިނާކުރުމާއި ތައުލީމީ ދާއިރާއަކީ މިހާރުވެސް ދެ ގައުމުގެ ދެމެދުގައި ގާތް ގުޅުމެއް އޮންނަ ބައެއް ދާއިރާތަކެވެ. ދެ ގައުމު ދެމެދު ސޮއިކުރެވޭ މި އެއްބަސްވުންތަކާއެކު ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެ ހަރަދަނާވެގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

‎ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެ ގައުމުގެ މެދުގައި ޚާރިޖީ ގުޅުން ގާއިމްކުރީ ސެޕްޓެމްބަރު 22، 1978ގަ އެވެ.