އިންޑިއާގެ އެހީތެރިކަން ލިބިގެން ރިޔާސީ އިންތިޚާބު ކާމިޔާބުކުރީތީ މި ސަރުކާރަށް އިންޑިއާގެ އަތުން ދޫކުރެވެން ނޯންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ފ. ނިލަންދުއަށް މިއަދު ވަޑައިގެން ރައީސް ޔާމީން ވިދާޅުވީ އިންޑިއާގެ އަތުގައި ހިފައިގެން އެ މީހުންގެ އެހީތެރިކަމުގައި ވެރިކަމަށް އައި ބަޔަކަށް އެ މީހުންގެ އަތުން ދޫކުރަން އުދަގޫވާނެ ކަމަށެވެ. އަދި ރިޔާސީ އިންތީޚާބަށް ބޭރުގެ ނުފޫޒު ވަންނަން ޖާގަދިނުމަކީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލުން ކަމަށާއި، އެފަދައިން ނުފޫޒު ފޯރުވަން ފުރުސަތެއް ދީފިނަމަ ދެން އެ ނުފޫޒުން ސަލާމަތްނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ބަޔަކު އަތުގައި ހިފައިގެން މިތަނަށް އައިސް، އެ މީހުން ބޭނުންވާ ކަންތައްތަކެއް ކޮށްދޭނަމޭ ބުނެ، އެ މީހުންގެ އެހީތެރިކަމާ އެކީ ވެރިކަމާ ހަމައަށް އާދެވުނީމާ ދެން ނެތެއް ނޫންތޯ އެ މީހުން ދޫކޮށްލާފައި ދެވޭކަށް؟ ދަންނަވަންތޯ، މި މީހުން ހަމަ މި މީހުންގެ އަނބިން ދޫކޮށްލިޔަސް އިންޑިއާ އަތުން ދޫކޮށްލެވޭނެ ގޮތެއް ނޯންނާނެ،" ޕީޕީއެމްގެ ބޮޑު ސަޕޯޓެއް އޮންނަ ރަށުގައި ރައީސް ޔާމީން ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ގޮވާލައި ރައީސް ޔާމީން އިސްވެ ހުންނަވައި ޕީޕީއެމް އިން ފަށާފައި

ރައީސް ޔާމީން ތުހުމަތުކުރެއްވި ގޮތުގައި މިހާރު ވެރިކަންކުރާ އިއްތިހާދަށް އިންޑިއާ ދޫކޮށްނުލެވޭ ހާލަތަކަށް އައިސްގެން އުޅެނީ އެމަނިކުފާނުގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ހުކުމަށް ފަހުގަ އެވެ.

ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓުން ނެރުނު އެ ހުކުމް ތަންފީޒުނުކޮށްގެން އިންޑިއާއިން ތިން ސިޓީއެއް ދިވެހި ސަރުކާރަށް އޭރު ފޮނުވި ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މައްސަލާގައި ދިވެހި ސަރުކާރުގެ ވިސްނުން ވިދާޅުވެދެއްވުމަށް ރާއްޖޭގެ އޭރުގެ ޚާރިޖީ ވަޒީރު އިންޑިއާއަށް ވަޑައިގަތުމުން އޭނާއާ އިންޑިއާގެ އެއްވެސް މަސްއޫލުވެރިއެއް ބައްދަލު ނުކުރެއްވި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ގޮވާލައި ރައީސް ޔާމީން އިސްވެ ހުންނަވައި ޕީޕީއެމް އިން ފަށާފައި

ނިލަންދޫއަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅަކީ އެމަނިކުފާނު ފަސް އަހަރުގެ ޖަލު ހުކުމަކުން ސަލާމަތްވެވަޑައިގަތުމަށްފަހު އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ގޮވާލައި ފައްޓަވާފައިވާ އިންޑިއާ އައުޓް ހަރަކާތުގައި އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ކ. އަތޮޅުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.