އިދިކޮޅުން ކުރިއަށްގެންދާ "އިންޑިޔާ އައުޓް" ހަރަކާތަކީ ނަފްރަތާއި ރުޅިވެރިކަން އުފައްދަން ކުރާ މަސައްކަތެއް ކަމަށް ބުނެ އަދާލަތުން ބަޔާނެއް ނެރެފި އެވެ.

މިކަމާއި ގުޅޭގޮތުން އަދާލަތުން ބަޔާނެއް ނެރިފައިވާއިރު، އެބަޔާނުގައި އަދާލަތުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އިންޑިޔާ އައުޓް ހަރަކާތަކީ ރާއްޖޭގެ އަވަށްޓެރިންނާއި ދިވެހިންގެ ތަރައްހީއާއި ކުރިއެރުމަށް އެހީވެދޭ ބައިވެރިންނާއި މެދު އާންމު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތާއި، ރުޅިވެރިކަން އުފައްދަން ކުރާ ސިޔާސީ މަސައްކަތެއް ކަމަށް ބުނެފަ އެވެ.

އިންޑިޔާ އާއި ރާއްޖެއާއި ދެމެދު ހިނގަމުންދާ ބައެއް ކަންކަމަކީ ރައީސް ޔަމީން ބިންގާ އެޅުއްވި ކަންތައްތަކެއްކަން ފާހަގަކުރައްވައި އަދާލަތުން ބުނީ، މި ދެ ގައުމުގެ މެދުގައި ސްޓްރެޓީޖިކް ދާއިރާއިން މިޙާރު ކުރެވޭ މަސައްކަތްތަކަކީ، ގިނަ ޒަމާންތަކަށް ދެމިގެން އަންނަ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ނަތީޖާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މިކަން މިހެން ވާއިރު، އިންޑިޔާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތަކީ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ހިންގާ އަމަލެއްކަމަށާއި، މިކަމުގެ ނަތީޖާއެއްގެ ގޮތުން ބައިނަލްއަގުވާމީ މަޝްރަހުގައި ދިވެހިން އެކަހެރިވުން އެކަށީގެންވާކަމަށްވެސް އަދާލަތުން ބުނެފައިވެ އެވެ.