އަރަބިއްޔާ ސުކޫލަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ބާޖަމާލުއްދީން ހުރި ބިމުގައި އެ ސުކޫލު އެޅުމަށް ނިންމާފައިވަނިކޮށް، މާލެ ސިޓީ ކައުންސިލުން އެތަނުގައި ޕާކެއް އެޅުމަށް މަޝްވަރާކުރާ ކަމަށް ވިދާޅުވެ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ދެއްކެވި ވާހަކަފުޅަށް ސިޓީ ކައުންސިލުން ރައްދު ދީފި އެވެ.

މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ.އިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަރަބިއްޔާ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައިގެ ދާއިމީ ހައްލަކަށް މިހާރުގެ ބާޖަމާލުއްދީން ހުރި ގޯތި ތެރޭގައި ޖާގައިގެ ގޮތުން މިހާރަށް ވުރެ ތަނަވަސް އައު އިމާރާތެއް އެޅުމަށް ސަރުކާރުން ނިންމުމުން އެތަނުގައި ޕާކެއް ހަދަން މަޝްވަރާ ކުރަން އައުމަށް ސިޓީ ކައުންސިލުން ފޯނުކޮށް ސަރުކާރުގައި އެދެމުންދާ ކަމަށެވެ.

"‏ޑރ. މުއިއްޒަށް ބާރެއް ލިބިއްޖެ ކޮންމެ ފަހަރަކު މިގޮތަށް އުޅުއްވީމާ ވަރަށް ހުތުރު، ކޮންމެ ކަމެއްވެސް އެކަން އޮންނަ އުޞޫލުން ގެންދަން ދަސްކުރައްވާ،" އަށް އަހަރު ދުވަސް ވަންދެން ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ. މުއިއްޒަށް ފާޑުވިދާޅުވަމުން ޑރ. އިޔާޒް ވިދާޅުވި އެވެ.

ޑރ. އިޔާޒް ކުރެއްވި ޓްވީޓަށް ރައްދު ދެއްވާ މާލެ ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އެކަން ހިނގާފައިވާ ގޮތާއި މަޝްވަރާކުރަން ބޭނުންވާ ސަބަބު ވަރަށް ސާފުކޮށް ވިދާޅުވެދެއްވާފައިވާ ކަމަށެވެ.

"އަރަބިއްޔާ އަށް ދެރަގޮތެއް ސިޓީ ކައުންސިލަކުން ނުހަދާނެ. ކައުންސިލަރުން ޕާކުގެ ވާހަކަ ދެއްކީ އެ ސަރަޙައްދުގެ ރައްޔިތުން އެގޮތަށް ބޭނުންވެގެން ހުށައަޅާފައިވާތީ. މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 35 ވަނަ ޖަލްސާ ބައްލަވާލެއްވީމަ ވެސް އެނގިލައްވާނެ މަޝްވަރާ ކުރަން ބޭނުންވާ ސަބަބު،" ޝިއުނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޝިއުނާ ވިދާޅުވީ މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން ސިޓީ ކައުންސިލުން ތައްޔާރުކޮށްފައި ވަނީ މާލޭ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށެވެ. އަދި ބާ ޖަމާލުއްދީން ހުންނަ ސަރަހައްދަކީ ޓްރެފިކް ބޮޑު ސަރަހައްދެއް ކަމަށާއި، އަދި މައްޗަންގޯޅި ރައްޔިތުން ވަނީ އެ ސަރަހައްދު ހުސްކޮށް ބާއްވައި ދިނުމަށް ހުށަހަޅާފައި ކަމަށް ވެސް ޝިއުނާ ވިދާޅުވި އެވެ.

މީގެ ކުރިން މާލެ ސިޓީގެ މޭޔަރު ޑރ. މުއިއްޒު ވަނީ ކުރީގެ ނާދީ ހުރި ބިން އަރަބިއްޔާ ސްކޫލު އެޅަށް ދިނުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.