ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް އެ ޕާޓީން ށ. ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މޫސާ އަލި މަނިކު (މޫކޭ) ބޭ އަދަބީ ވާހަކަތަކެއް ދައްކަވައިފި އެވެ.

މޫކޭ ވިދާޅުވީ ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީ ރައީސް ޔާމީންގެ އަނިޔާއިން ސަލާމަތް ކުރަންޖެހޭކަމަށާއި، ފަތުހީއާ ދޭތެރޭ ކަންތައް ކުރާ ގޮތް ފެނިފައި ދެރަވާކަމަށެވެ. އަދި އެއަށްފަހު މޫކޭ ވަނީ ކެނޑިޑޭޓަށް އަމާޒުކޮށް ބޭއަދަބީ ވާހަކަތަކެއް ދައްކަވާފަ އެވެ.

"އަބްދުﷲ ޔާމީނަށް ފަތުހީ މިތަނުން ހޮވައިގެން ފަތުހީ ކޮށްދޭން ވެސް އޮތީ އެއް ކަމެއް އެއީ އައުޓް ކޮށްދިނުން،" މޫކޭ ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި މޫކޭ އިތުރަށް ވިދާޅުވީ، ޕީޕީއެމް ކެނޑިޑޭޓް، މޫސާ ފަތުހީ ބައިންދަވަނީ، ރައީސް ޔާމީން "ދަށުންދަމާ" ކުޅޭއިރު، ޖޯކަރު ކާޑު ދެއްވާފަ ދޮރޯށި ބުޑުގައި ސެކިއުރިޓީއަކަށް ކަމަށެވެ. އަދި ދެ ރަށުން ފަރުހީ އެ ހާލުގައި އިންދައި ދިމާވި ކަމަށް މޫކޭ ވިދާޅުވި އެވެ.

ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވާދަކުރާ ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ މަސައްކަތް ޕާޓީތަކުން ކުރިއަށްގެންދާއިރު، އެ ގޮނޑިއަށް މެމްބަރެއް ހޮވުމަށް ބާއްވާ ބައި- އިލެކްޝަން މި އަހަރުގެ ފެބްރުއަރީ މަހު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އެ ގޮނޑީގެ މަގާމު ފުރުއްވަމުން ގެންދެވި ހުސެއިން ވަހީދު އަވަހާރަވުމުންނެވެ.