ކުރިން ދެއްކި ވާހަކަތައް ވެރިކަން ލިބުމުން ހަނދާނެއް ނުހުންނަ ކަމަށް ބުނެ މި ސަރުކާރަށް، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އުޝާމް ސަރުކާރަށް ފާޑުވިދާޅުވީ ދިހަ އަހަރު ފަހު ފޯކައިދޫގެ ޗަސްބިމުން ގޯތި ދިނުމަށް ނިންމުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.

އެމްއެންޕީގެ ނައިބު ރައީސް އޭނާ ވިދާޅުވީ ހިއްކާފައި ނުވާ ފަޅަކުން ގޯތި ދޫކުރުމަށް ކުރީގެ ސަރުކާރުން ނިންމުމުން، އެ މައްސަލަ ޖެއްސި ބޭފުޅުން މިއަދު ތިއްބެވީ ވެރިކަމުގައި ކަމަށެވެ. ނަމަވެސް މިއަދު މި ސަރުކާރުން އިންތިހާބަކާ ދިމާކޮށް ހިއްކާފައި ވެސް ނެތް ޗަސް ބިމަކުން ގޯތިދޫކުރަން ނިންމާފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ.

"މިއަދު މިސަރުކާރުން އިންތިހާބަކާ ދިމާކޮށް މިނިންމީ ހިއްކާފައިނުވާ ޗަސްބިމަކުން ގޯތިދޫކުރުމަށް. ވެރިކަން ލިބުނީމަ ކުރިން ދެއްކި ވާހަކަތައް ހަނދާނެއް ނުހުރޭ،" އޭނާ ވިދާޅުވި އެވެ.

ފޯކައިދޫއިން 2،000 އަކަފޫޓުގެ 120 ގޯތި ދޫކުރުމަށް ރަށު ކައުންސިލުން ނިންމައި، އެކަން ވަނީ އިއުލާންކޮށްފަ އެވެ.

ބައި އިލެކްޝަންއާއި ދިމާކޮށް ސަރުކާރުން ދަނީ ކޮމަންޑޫ ދާއިރާގައި ގިނަ ތަރައްގީގެ މަޝްރޫއުތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ. މިކަމާ ގުޅިގެން ސަރުކާރަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ގިނަ ބަޔަކު ސިފަކުރާ ގޮތުން، އެއީ ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވަން ސަރުކާރުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމެވެ. މިއިން ބައެއް މަޝްރޫއުތަކަކީ މި އަހަރުގެ ބަޖެޓްގައި ވެސް ހިމަނާފައި ނުވާ މަޝްރޫއުތަކެކެވެ.