ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހަތް މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު ހަތަރު މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދު އިތުރުވެފައިވާއިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް ޖެހިގެން 48 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން ހަތް މީހަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ. ހަތަރު މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު މާލެ އިން 1،325 މީހުން ޕޮޒިޓިވްވި އިރު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ޕޮޒިޓިވްވެފައި ވަނީ 681 މީހެކެވެ. މީގެ އިތުރުން ރިސޯޓްތަކުން މިއަދު 54 މީހުން ޕޮޒިޓިވްވެފައިވެ އެވެ. އެއީ ޖުމްލަ 7،574 ސާމްޕަލުން ޕޮޒިޓިވްވި އަދަދެވެ.

މާލެ ސަރަހައްދުގެ ޕޮޒިޓިވް ރޭޓް މިހާރު ހުރީ 36 ޕަސެންޓް ގައެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 13،035 މީހުންނެވެ. މިހާތަނަށް 101،660 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މި ބަލީގައި މިއަދާ ހަމަޔަށް 269 މީހަކު ވަނީ ނިޔާވެފަ އެވެ.