ރާއްޖޭގައި މަރަށް މަރު ހިފަން ކެރޭނެ ސަރުކާރެއް ގާއިމުކުރައްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވީ، ސޯޝަލް މީޑިއާގައި އާއްމުކުރެއްވި ޕޯސްޓެއްގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާނެ ކަމަށް އިއުލާނު ކުރެއްވުމަށް ފަހު އެވެ.

އުމަރު ވިދާޅުވީ އިއްޔެ އަކީ ރާއްޖޭގައި ގިސާސް ހިފުމަށް ތައްޔާރުކުރުމަށް ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އަމުރު ކުރެއްވިތާ އަށް އަހަރު ފުރުނު ދުވަސް ކަމަށެވެ. އޭގެ އިތުރުން، މީހެއްގެ ފުރާނަ ދުއްވާލާ މީހާއަށް އަދަބެއްގެ ގޮތުން ޖަލަށް ލުމަކީ، ދައުލަތަށް ކުރަން ހައްގު ލިބިގެންވާ ކަމެއް ނޫން ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.

"އެއީ މަރުވި މީހާގެ އާއިލާގެ ހައްގެއް. މިއީ އަދުލުވެރިކަން ގާއިމު ކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ތަންފީޒު ކޮށްދޭން ޖެހޭ ހުކުމެއް،" އުމަރު ވިދާޅުވެފައިވެ އެވެ.

ނިމިދިޔަ ސަރުކާރުގައި ގިސާސް ހިފުމަށް މަސައްކަތް ކޮށްފައިވެ އެވެ. އެ ކުރަން އޭރު ހޯމް މިނިސްޓަރުގެ މަގާމު ފުރުއްވަމުން ގެންދެވި އުމަރު އިސްކޮށް ހުންނަވައިގެން ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ.