ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއްވި ރިޔާސީ ބަޔާނުން އެނގުނީ ސަރުކާރާއި ރައްޔިތުންނާ އެއްވެސް ވަރަށް ގުޅުމެއް ނެތް މިންވަރު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ނައިބް ރައީސް ޑރ. ޖަމީލު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހުޅުވާދެއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަުދ ދެއްވި ރިޔާސީ ބަޔާނަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގަ އެވެ.

ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހާމަވެގެން ދިޔައީ އަދިވެސް ވައުުދެއް ފުއްދުމުގެ ވިސްނުމެއް ނެތްކަން ކަމަށެވެ. އަދި ހިމާޔަތް ކުރަނީ ދީނާ ދެކޮޅު ފިކުރު ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ. އަދި މިސަރުކާރަކީ ރައްޔިތުންނާ އެއްވެސް ގުޅުމެއް ނެތް ސަރުކާރެއް ކަމަށް ޖަމީލު ސިފަ ކުރެއްވި އެވެ.

"ރިޔާސީ ބަޔާނުން އެނގުނީ ސަރުކާރާއި ރައްޔިތުންނާ ގުޅުމެއް ނެތް މިންވަރު. ހާމަވެގެން ދިޔައީ އަދިވެސް ވައުދެއް ފުއްދުމުގެ ވިސްނުމެއް ނެތްކަން.ކޮރަޕްޝަން އިތުރުވީ. ބޭރު ސިފައިން ބައިތިއްބައިފި.ޙިމާޔަތް ކުރަނީ ދީނާ ދެކޮޅު ފިކުރު. އެމްޑީޕީއަކީ މިއީ ތަންދޮރު ނުދަންނަ، ވާނުވާ ނޭނގޭ ފިކުރު،" ޑރ. ޖަމީލު ވިދާޅުވި އެވެ.

ޖަމީލްގެ ފާޑުކިޔުން ރިޔާސީ ބަޔާނަށް އަމާޒުވިއިރު ރައީސް ސޯލިހް ރިޔާސީ ބަޔާން އިއްއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އިދިކޮޅު ކޯލުޝަނުން ވަނީ ބޮއިކޮޓް ކުރައްވާފަ އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން، މަޖިލިސް ކުރާ ގޭގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ދެއްވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ގިނަ ކަންތައްތަކެއް ކުރެއްވުމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި އެމަނިކުފާނު ހާސިލް ކުރެއްވި މުހިއްމު ކަންކަމުގެ މައްޗަށް ވެސް މިއަދުގެ ރިޔާސީ ބަޔާނުގައި ވަނީ އަލިއަޅުއްވާލެއްވި އެވެ.

އެހެންނަމަވެސް މީގެ ކުރިން އިއްވި ރިޔާސީ ބަޔާނުގައިވާ ކަންތައްތައް ހާސިލުވެފައިނުވާ ކަމަށް ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރައްވަމުންނެވެ.