ވޮޝިންޓަން (03 ފެބްރުއަރީ) - ރަޝިއާއާއި އިރުމަތީ ޔޫރަޕްގެ ގައުމުތަކާ ދެމެދު ނުތަނަވަސްކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި އެ ސަރަހައްދަށް އެމެރިކާގެ ސިފައިން ފޮނުވަން އެގައުމުގެ ރައީސް ޖޯ ބައިޑަން އަމުރެއް ނެރުއްވައިފި އެވެ.

ޕެންޓެގަންގެ މީޑިއާ ސެކެޓްރަރީ ޖޯން ކިރްބީ ވިދާޅުވީ ބައިޑަންގެ އަމުރަށް ޔޫރަޕަށް ފޮނުވާ ލަޝްކަރުގައި 3000 އަށްވުރެ ގިނަ ސިފައިން ހިމެނޭނެ ކަމަށެވެ.

އެގޮތުން 2000 އަށްވުރެެ ގިނަ ސިފައިން ޕޮލެންޑަށާއި ޖަރުމަނަށް ފުރާފައިވާއިރު ޖަރުމަނުގައި މިހާރު ތިބި ސިފައިންގެ ތެރެއިން 1000 ސިފައިން ރޮމޭނިއާއަށް ފޮނުވޭނެ ކަމަށް ކިރްބީ ވިދާޅުވެފަ އެވެ.

ރަޝިއާއިން ޔޫކްރެއިންއަށް އަރައި ހިފާފާނެ ކަމުގެ ބިރު ބޮޑުވުމާއެކު އެމެރިކާއިން ވަނީ ޔޫކްރެއިންއަށް ވެސް އަސްކަރީ އެހީ ފޮނުވާނެ ކަމަށް ބުނެފަ އެވެ.

ކިރްބީ އިތުރަށް ވިދާޅުވީ އެމެރިކާގެ މި ފިޔަވަޅަކީ ރަޝިއާގެ އެއްވެސް ހަމަލާއަކަށް ކުރިމަތިލާން އެގައުމުން ތައްޔާރަށް އޮތްކަން ރަޝިއާއަށް އަންގައިދޭނެ ކަމެއް ކަމަށެވެ.

ނޭޓޯގެ މެމްބަރުކަން ޔޫކްރެއިންއަށާއި އެހެން ޔޫރަޕްގެ ގައުމުތަކަށް ދިނުމުގެ މައްސަލާގައި ރަޝިއާއާއި ނޭޓޯ އަދި އެމެރިކާގެ މަޝްރަހު ވެސް ހޫނުވެފައިވާއިރު ރަޝިއާއިން ޔޫރަޕަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ނޭޓޯއަށް ވަނީ ލިބިފަ އެވެ. -- އަލް އަރަބިއްޔާ