ވެރިކަން ކުރާ ޕާޓީ، އެމްޑީޕީން ށ. ފޯކައިދޫގައި ރިޝްވަތުގެ ގޮތުގައި ފައިސާ ބަހާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިކަމުގައި އެންމެ އިސްކޮށް އުޅުއްވަނީ ރ. އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ކަމަށް ފޯކައިދޫ ބަޔަކު ތުހުމަތުކޮށް މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.

މެމްބަރު ބިގޭއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޅިޔަނެކެވެ. އަދި ރައީސްގެ ފަރާތުން ސިޔާސީ ހުރިހާ ކަމެއްގައި ވެސް ބިގޭ ހަރަކާތްތެރިވާކަން ފާހަގަކުރެވެ އެވެ.

އެގޮތުން އޭނާ ވަނީ ކޮމަންޑޫ ދާއިރާގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް އެ ރަށުގައި ޕީޕީއެމަށް ސަޕޯޓުކުރާ ގެތަކަށް ޒިޔާރާތްކޮށް ފައިސާ ބަހާފައި ކަމަށް އެރަށު މީހުން ބުނެފައިވެ އެވެ.

ހުސްވެފައިވާ ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލި ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ޕާޓީތަކުން މަސައްކަތް ކުރަމުންދާއިރު، ރައީސް ސޯލިހާއި، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ގޮނޑިއަށް އެމްޑީޕީން ކުރިމަތިލާ ކެނޑިޑޭޓަށް ތާއީދު ހޯއްދެވުމަށް އިއްޔެ ކޮމަންޑޫއަށް ވަޑައިގެންފަ އެވެ. އެހެން ނަމަވެސް ދެ ރައީސުން ކޮމަންޑޫއަށް ވަޑައިގެން ކުރެއްވި ކެމްޕެއިނަށް ލިބުނީ ފިނި ތަރުހީބެކެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން މާދަމާ ބޭއްވުމަށް އިލެކްޝަނުން ނިންމާފައިވާއިރު، އިންތިހާބަށް ނުފޫޒު ފޯރުވުމަށް މެމްބަރު ބިގޭ ދަނީ، މީހުންނާ ބައްދަލުކޮށް ތަފާތު ހުށަހެޅުންތައް ހުށަހަޅައި، ރިޝްވަތު ދެމުންދާ ކަަމަށް ތުހުމަތުކޮށްފައިވެ އެވެ.