އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނުގެ މައްސަލަ 241 ކޮމިޓީން މާދަމާ ފެށުމަށް ނިންމައިފި އެވެ.

ރާއްޖޭގައި ތިބި ސިފައިން ރާއްޖެއިން ބޭރުކުރުމަށް ބުނެ ގޮވާލަމުން ގެންދާ މި ކެމްޕޭނުގެ މައްސަލަ ބަލައިދިނުމަށް އެދި 241 ކޮމިޓީއަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ސިޔާސަތުތަކަށް ނޭދެވޭ އަސަރެއް ކުރާނެ ގޮތަކަށް ސިޔާސީ ހަރަކާތެއް ހިންގައިފި ނަމަ އަދަބު ދިނުމަށް ސަރުކާރުން ކަނޑައަޅަން ނިންމާފައިވެ އެވެ. އަދި މި އުސޫލުތަކާއި އެއްގޮތުގެ މަތިން އިންޑިއާ އައުޓް ކެމްޕޭނުގެ މައްސަލައިގެ ކޮމިޓީ ބައްދަލުވުންތައް މާދަމާ ފެށުމަށް ވަނީ ނިންމާފަ އެވެ. މި މައްސަލަ އެކޮމިޓީން ބެލުމަށް ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 11:00 ޖަހާއިރެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ޑިސެމްބަރުގައި އެ ކޮމިޓީގެ މުގައްރިރަށް ފޮނުއްވި ސިޓީގައި، ޕީޕީއެމްގެ ރައީސް، އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދާ މި ކެމްޕޭނުގެ މައްސަލަ ބަލައިދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ. އަދި އެ ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެފަދަ ކެމްޕޭނެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ.

ޖަލު ހުކުމުގައި ހުންނެވި ކުރީގެ ރައީސް ޔާމީން މިނިވަންވުމާ އެކު އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހިންގާ ކެމްޕޭން އިތުރަށް ވަރުގަދަކޮށްފަ އެވެ.

އެމަނިކުފާނު ވަނީ އަތޮޅުތެރެއަށް ވަޑައިގެން، އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.