ވ. އާރަށް ކުއްޔައްދިނުމުގެ މުއާމަލާތާ ގުޅޭ ފައިސާ ލޯންޑަކުރެއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއަށް ވެސް އެ މަނިކުފާނު އިންކާރު ކުރައްވައިފި އެވެ.

އާރަށުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށްކުރީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި މި މައްސަލާގައި ރައީސް ޔާމީންގެ އިތުރުން ވ. ފެލިދޫ، ހަނދުވަރީގެ ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުވާ އުފުލާފައިވެ އެވެ. އޭނާގެ މައްޗަށްކުރީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ.

ދައުލަތުން އުފުލި ދައުވާގައި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި، އެމްއެމްޕީއާރްސީ މެދުވެރިކޮށް، ރިސޯޓް ހެދުމަށް އާރަށް ކުއްޔަށް ނެގުމުގެ މުޢާމަލާތުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސްޔަތުން، ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަންގަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ. އަދި ދައުލަތުން ވަނީ އެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމަވި ހިސާބުން ފެށިގެން މިއީ ކުށުގެ އަމަލަކަށްވާ ކަމަށް ދައުލަތުން ބުނެފައިވެ އެވެ. އަދި ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ހިންގަން ޖެހޭ މުއާމަލާތެއް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ކޮށްފައި އޮތުމަކީ މަގާމުގެ ނުފޫޒު ބޭނުން ކުރުން ކަމަށް ވަނީ ބުނެފަ އެވެ.

ދައުވާއަށް ޖަވާބުދާރީވަމުން، ރައީސް ޔާމީންގެ ގާނޫނީ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ ދައުވާގެ ސީޣާއިން ދައުވާ އުފުލާފައިވާ އަމަލަކީ ކޮބައިކަމާއި، އަމަލު ހިންގި ތަނާއި، ވަގުތާއި، އަމަލު ހިންގި ގޮތް ސާފުނުވާ ކަމަށެވެ. އަދި މިކަމުގައި ރައީސް ޔާމީން ނުފޫޒު ފޯރިވިނަމަ، ނުފޫޒު ފޯރުވި ގޮތާއި، ސަބަބު ވެސް އޮޅުން ފިލުވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ދެފަރާތުގެ ވާހަކަތަކަށްފަހު މިމައްސަލާގައި ދައުލަތުން އެދުނީ ދައުވާ ސާފުވުމާމެދު ފަނޑިޔާރު ގޮތެއް ނިންމަވައި ދެއްވުމަށެވެ. މިމައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ ދެފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު ދައުވާ ސާފު ކޮށްދޭން ކުރަން ޖެހޭ ކަންކަން ދައުލަތުން ކޮށްފައިވާ ކަމަށް ކަނޑައަޅާފަ އެވެ.

ފަނޑިޔާރުގެ ވާހަކަތަކާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ، ދައުލަތުން ދެއްކެވި ވާހަކަތަކާއި، ދެ ދައުވާއަށް ވެސް އިންކާރު ކުރައްވާ ކަމަށެވެ. އަދި މި މައްސަލާގައި ދައުވާ އުފުލާފައިވާ ޔޫސުފް ނައީމު ވެސް ވަނީ ދައުވާ ސާފު ނުވާ ކަމަށް ވިދާޅުވެފަ އެވެ.

ފަނޑިޔާރު ވަނީ ދެން ބާއްވާ އަޑުއެހުމެއްގައި ދައުވާ ސާފުކުރުމުގެ ބައި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެ މިއަދުގެ އަޑުއެހުން ނިންމާލާފަ އެވެ.

އާރަށުގެ މައްސަލައިގެ އިތުރުން ރ. ފުއްގިރި ކުއްޔަށްދޫކުށްގެން ލިބުނު 1.3 މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރެއްވި ކަމަށް ބުނާ މައްސަލާގައި ވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދަނީ ޝަރީއަތް ހިންގަމުންނެވެ.