އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތް ފަށަން ޖެހުނު ސަބަބު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެދެއްވައިފި އެވެ.

އުމަރު ވިދާޅުވީ، އެ ކެމްޕެއިން ފަށަން ޖެހުނީ، ރާއްޖޭގައި ތިބި ބޭރު ސިފައިން ފޭބުމަށް ގާނޫނީ ސަރުކާރަކުން އެންގުމުން އެކަމަށް ދެކޮޅު ހެދުމުން ކަމަށެވެ. އަދި އިންޑިއާއާ ރާއްޖެއާ މެދުގައި އޮތީ ގާތް ގުޅުމެއްކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ، އިންޑިއާ އައުޓް ގޮވަނީކީ ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުން ބޭރުވާކަށް ނޫން ކަމަށެވެ.

ނަމަވެސް އެ ގައުމުގެ އަސްކަރީ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅުކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ، ބޭރު ސިފައިން ޖެހޭނީ މި ފަސްގަނޑުން ފައިބަން ކަމަށެވެ.

އުމަރު ވިދާޅުވީ، ބޭރު ސިފައިން ރާއްޖެ އައިސްފައިވަނީ އަމިއްލައަށް ނޫން ކަމަށާއި، އެ މީހުން އައީ ދިވެހި ސަރުކާރުން ދައުވަތު ދީގެން ކަމަށެވެ. އެ ސަބަބާ ހުރެ ބޭރު ސިފައިން ފޮނުވާލުމަށް އަންގަން ޖެހޭނީ ވެސް ދިވެހި ސަރުކާރުން ކަމަށް އުމަރު ވިދާޅުވެފައިވެ އެވެ.

"އިރާދަކުރެއްވިއްޔާ، އިންޑިއާ ސިފައިން ފައިބަން ޖެހޭނީ. ހަމަ، ދެން އަންނަ ސަރުކާރަކުން ބާލާނެ،" އުމަރު ވިދާޅުވި އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް އިދިކޮޅުން އަޑުއުފުލައި ހަރަކާތްތައް ބާއްވަމުން ގެންދާއިރު، މިފަދަ ހަރަކާތްތަކަކީ ރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ސިޔާސަތުތަކަށް ނޭދެވޭ އަސަރެއް ކުރާނެ ކަންކަން ކަމަށް ނިންމައި ރައްޔިތުން މަޖިލީހުނގެ 241 ކޮމިޓީން ދަނީ މައްސަލަ ބަލަމުންނެވެ.

ނަމަވެސް ޖަލު ހުކުމުގައި ހުންނެވި ކުރީގެ ރައީސް ޔާމީން މިނިވަންވުމާ އެކު އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ދަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހިންގާ ކެމްޕޭން އިތުރަށް ވަރުގަދަކޮށް ކުރިއަށްގެންދަމުންނެވެ.