ދުނިޔޭގެ ދަހިވެތިކަމުގައި ރާއްޖޭގެ ވެރިން މިހާރު ވަނީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ވިއްކާލާފައި ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
"އިންޑިޔާ އައުޓް"ގެ ނަމުގައި ހިންގަވަމުން ގެންދަވާ ކެމްޕޭނުގައި ގއ. ވިލިގިލީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މެމްބަރު ޣައްސާން ވަނީ، މީސްކޮޅު މަދު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް ނަމަވެސް، މާތްﷲ ގެ ރަހުމަތްފުޅުން ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި އޮތްކަން ފާހަގަކުރައްވާފަ އެވެ.
އެހެންނަމަވެސް ރާއްޖޭގެ ހާލަތު މިހާރު ބަދަލުވެފައިވާކަމަށާއި، މިހާރު ފެންނަމުން މިދަނީ ރާއްޖޭގައި ތިއްބަވާ އިސް ވެރިން، ދުނިޔޭގެ ދަހިވެތިކަމުގައި ދިވެހި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ވިއްކާލައްވާ މަންޒަރު ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ހަމައެހެންމެ، އެކަން ހުއްޓުވުމަށްޓަކައި ދިވެހި ރައްޔިތުން ތިބީ ރައީސް ޔާމީނު ކުރައްވާ މަސައްކަތްޕުޅުގައި އެމަނިކުފާނުގެ ފަހަތްޕުުން ގައުމުގެ ދިފާއުގައި ކަމަށް ވެސް ޣައްސާން ވިދާޅުވެފައިވެ އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ޖެހޭނީ ރާއްޖެ ދޫކޮށް ދާން ކަމަށެވެ.
"އިންޑިއާ ސިފައިން ޖެހޭނީ މި ގައުމުން ފައިބަން. މި ގައުމުގައި އިންޑިއާ ސިފައިންނަށް ޖާގައެއް ނެތް. އަޅުގަނޑުމެންގެ ފަޚުރަކީ ދިވެހި ގައުމުގެ ހައްގުގައި ޖިހާދުކޮށް ޝަހީދުވުން،" ޣައްސާން ވިދާޅުވި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން ހަރަކާތެއް ފަށާފައިވާއިރު، ޔާމީން ޖަލުން މިނިވަންވުމަށްފަހު މި ހަރަކާތް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން ޖަލުން މިނިވަންވެ ވަޑައިގަތުމަށްފަހު އެމަނިކުފާނު ދަނީ އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގެން އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލަމުންނެވެ. ހަމައެހެންމެ، މި ހަރަކާތުގައި ބައިވެރިވެ، ގައުމުގެ ދިފާއުގައި އެންމެހައި ރައްޔިތުން ނިކުތުމަށް އެމަނިކުފާނު ވަނީ ގޮވާލާފަ އެވެ.