ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި އައިމިނަތު އީމާން ނިޔާވެއްޖެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވިގޮތުގައި އީމާން ނިޔާވީ މިއަދު ހެނދުނު 7:42 ހާއިރު އެވެ.

ހުޅުމާލޭގައި ހިނގި ނުރައްކާޓެރި އެކްސިޑެންޓުގައި މާލެ ސިޓީ ވިލިމާލެ ދާއިރާގެ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު އީމާންއަށް ސީރިއަސް އަނިޔާތަކެއް ލިބި ހޮސްޕިޓަލުގައި އެޑްމިޓްކުރީ އާދިއްތަ ދުވަހު އެވެ.

އީމާންއަށް އެންމެ ފުރަތަމަ ފަރުވާދިނީ ހުޅުމާލެ ހޮސްޕިޓަލުގަ އެވެ. އަދި އެއަށްފަހު އިތުރު ފަރުވާއަށް އެރޭ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށްފަހުގައި ވެންޓިލޭޓަރުގައި ފަރުވާދިނެވެ.

އެކްސިޑެންޓުގައި އީމާންގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބުނުއިރު، އަނިޔާގެ ސަބަބުން އީމާންގެ ސިކުނޑިއަށް ލޭ އެޅިފައިވާކަމަށް މައުލޫމާތުލިބެ އެވެ. އަދި އީމާން ބޮލުގެ ނާށިގަނޑަށް ލިބުނު ގެއްލުމުގެ ސަބަބުން، ސިކުނޑީގެ ބައެއް ބޭރަށް ނިކުމެފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

އީމާންގެ ހާލަތު ގޯސްވި އިރު، އޭޑީކޭން ފަރުވާދިން ޑޮކްޓަރުން ބުނީ އީމާން ވެންޓިލޭޓަރުން ނަގަން ނިންމީ އޭނާގެ ހާލަތަށް ކުޑަ ވެސް ހެޔޮ ބަދަލެއް ނައުމުން ކަމަށެވެ.

އުމުރުން 29 އަހަރުގެ އީމާން ނިޔާވި ކަމަށް އޭޑީކޭން ކަށަވަރުކޮށްދީފައި ވަނީ، އޭނާ މަރުވިކަމަށް ބައެއް މީޑިއާތަކުން އިއްޔެ ރިޕޯޓުކޮށްފައިވަނިކޮށެވެ. އެހެންނަމަވެސް އެވަގުތު އޭނާ މަރުވިކަމަށް ނުނިންމާ ކަމަށް އޭޑީކޭން ބުނެފައިވެ އެވެ. އީމާން ނިޔާވި އިރު، އޭނާގެ ފިރިމީހާއާއި ދެ ދަރިން އެބަތިއްބެވެ.