ޔުކްރޭން ހިފުމަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ ކުރިޔަށްދާއިރު، އެ ހަނގުރާމައިގެ ތެރެއަށް ނުވަދެ ރަޝިޔާ ހުއްޓުވުމުގެ ގޮތުން ދުނިޔޭގެ ބޮޑެތި ގައުމުތަކުން އަންނަނީ ތަފާތު ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އެންމެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އަޅަން ނިންމައި އިއުލާންކުރި އެއް ފިޔަވަޅަކީ ގައުމުތަކުގެ ދެމެދުގައި ފައިސާގެ މުއާމަލާތްކުރުމަށް ބޭނުންކުރަމުން ގެންދާ ސްވިފްޓް ސިސްޓަމުން ރަޝިޔާގެ ފައިނޭންޝިއަލް އިދާރާތައް ބްލޮކްކުރުމެވެ.
ސްވިފްޓަކީ ކޮބާ؟
ސޮސައިޓީ ފޯ ވޯލްޑްވައިޑް އިންޓަބޭންކް ފައިނޭންޝިއަލް ޓެލެކޮމިއުނިކޭޝަން (ސްވިފްޓް) އަކީ ދުނިޔޭގެ ފައިސާގެ މުއާމަލާތުގެ މައި ނާރު ކަމުގައި ބެލެވެ އެވެ. ދުނިޔޭގެ ބޭންކުތަކުގެ މެދުގައި ފައިސާގެ މުއާމަލާތްތަކާ ބެހޭ މުވާސަލާތުކުރުމަށްޓަކައި ސްވިފްޓު އުފައްދާފައި ވަނީ 1973 ވަނަ އަހަރުގެ ތެރޭގަ އެވެ. މައި އިދާރާ ހުންނަނީ ބެލްޖިއަމްގަ އެވެ 200 އަށްވުރެ ގިނަ ގައުމުގެ 11،000 ބޭންކާއި ފައިސާއާ ބެހޭ އިދާރާތައް ވަނީ ސްވިފްޓްގެ ޒަރީއާއިން ގުޅާލެވިފަ
އެވެ. މި ހުރިހާ އިދާރާތަކުގެ މެދުގައި ދުވަހުން ދުވަހަށް ބަދަލުކުރެވޭ ފައިސާއާ ބެހޭ މުއާމަލާތްތައް ސަލާމަތްރެރިކަމާއެކު ހިންގުމުގައި ސްވިފްޓުގެ ރޯލު ވަރަށް ބޮޑެވެ. މި މުއާމަލާތްތަކުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރީގެ ގުޅުންތައް އޮމާންކަމާއެކު ކުރިޔަށް ދިއުމަށް އެހީތެރިވެދެ އެވެ.
ސްވިފްޓްގެ ވެރިންނަކީ ކޮން ބައެއް؟
ސްވިފްޓަކީ ދުނިޔޭގެ އެތައް ހާސް ފައިސާއަ ބެހޭ އިދާރާތަކެއް ގުޅިގެން އުފައްދާފައިވާ ކޯޕަރޭޝަނެކެވެ. މައި މަރުކަޒު ބެލްޖިއަމްގައި ހުންނައިރު މި ޖަމާއަތު ސިޔާސަތަކަށްވެފައި އޮންނަނީ އެއްވެސް މުއާމަލާތެއްގައި ވަކި ކޮޅަކަށް ނުޖެހި ހުރިހާ މެމްބަރުން ހަމަހަމަ އުސޫލަކުން ކަންތައް ކުރިޔަށް ގެންދާށެވެ. އެހެން ކަމުން ވަކި ބޭންކެއް ނުވަތަ ގައުމަކީ ޖަމާއަތުގެ ވެރިންގެ ގޮތުގައި ބެލެވޭނެ އުސޫލެއް ނޯވެ އެވެ.
ސްވިފްޓުން މިހާތަނަށް ބޭރުކުރި ގައުމަކީ ކޮބާ؟
ދުނިޔޭގެ މައްސަލަތަކުގައި ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތު ސްވިފްޓުން ދަމަހައްޓާ ގޮތަށް ގަވާއިދުގައި އޮތް ކަމުގައި ވިޔަސް އީރާނުގެ ނިއުކްލިއާ ޕްރޮގްރާމުގެ މައްސަލާގައި އުފެދުނު ދެބަސްވުމާއެކު އެ ގައުމަށް ވަނީ ސްވިފްޓު ސިސްޓަމް ބޭނުން ނުކުރެވޭ ގޮތަށް ފިޔަވަޅު އަޅައިފަ އެވެ. މިކަމުގެ ސަބަބުން އީރާނުގެ ބޭރު ފައިސާގެ މުއާމަލާތް ވަރަށް ބޮޑު ތަން ދަށަށް ގޮސް އެ ގައުމުގެ އިގުތިސާދު ވަނީ ކަންފަތިވެފަ އެވެ.
ރަޝިޔާއަށް ކުރާނީ ކޮން އަސަރެއް؟
2018 ވަނަ އަހަރު ރަޝިޔާއިން ކްރަމިއާ އެ ގައުމުގެ ބައެއްގެ ގޮތުގައި ރަސްމީ ގޮތުން ކަނޑައެޅުމާ ގުޅިގެން އެ ގައުމު ސްވިފްޓު ސިސްޓަމުން ބޭރު ކުރާނެކަމުގެ އިންޒާރު އެމެރިކާއާ ޔޫރަޕްގެ ގައުމުތަކުން ދިނެވެ. އެ ދުވަސްވަރު ރަޝިޔާއިން ބުނީ ސްވިފްޓުން ބޭރު ކުރުމަކީ އެގައުމާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުން ކަމަށެވެ. އެހެންކަމުން ސްވިފްޓް ސިސްޓަމުން ބޭރު ކޮށްލައިފިނަމަ ރަޝިޔާގެ އިގުތިސާދަށް ބޮޑު އަސަރެއް އެކަމުން ކުރާނެކަން އެ ގައުމުގެ ވެރިންނަށް ވަރަށް ރަނގަޅަށް އެނގެ އެވެ.
ރަޝިޔާއަށް އެހެން ގޮތެއް އެބަ އޮތްތަ؟
2014 ވަނަ އަހަރު ހިނަގައި ދިޔަ ކްރައިމިއާ މައްސަލައާ ގުޅިގެން ސްވިފްޓް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމުގެ އިންޒާރު އެމެރިކާ އިން އައީ ދެމުންނެވެ. އެ ހިސާބުން ފެށިގެން ރަޝިޔާއިން ވަނީ ސްވިފްޓްގެ ބަދަލުގައި ބޭނުންކުރާނެ އެހެން ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
މި ސިސްޓަމަށް ރަޝިއާއިން ދީފައިވާ ނަމަކީ އެސްޕީއެފްއެސް އެވެ. ރަޝިޔާ ބަހުން ދީފައިވާ މިނަމުގެ އިނގިރޭސި ތަރުޖަމާއަކީ ރޯމަނައިޒްޑް ރަޝިއަން އެކްރޮނީމް އެވެ.
ރަޝިޔާގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު އެލްވީރާ ނަބިއުލީނާ ވިދާޅުވި ގޮތުގައި ސްވިފްޓުގެ ބަދަލުގައި ރަޝިޔާއިން އުފެއްދި މުވާސަލާތީ ސިސްޓަމް މިހާރު އަންނަނީ ބޭނުން ކުރަމުންނެވެ.
ބައެއް ތަޖުރިބާކާރުން ބުނާ ގޮތުން މި ސިސްޓަމް ރަޝިޔާގެ އެތެރޭގެ ބޭންކިން ނިޒާމުގައި ބޭނުން ކުރަމުން އަންނަތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ.
އެތެރޭގެ ބޭންކްތަކުގެ އިތުރުން ކިރިގިސްތާނާއި ތަޖަކިސްތާނާއި ކިއުބާ ފަދަ ގައުމުތަކުގެ ބޭންކުތަކާ ވެސް މި ސިސްޓަމް މިހާރު ވަނީ ގުޅާލައިފަ އެވެ.
ރަޝިޔާގެ މަސްއޫލުވެރިން ވިދާޅުވާގޮތުގައި ޖަރުމަނާއި ސްވިޒަލޭންޑްގައި ހުރި ރަޝިޔާގެ ހިއްސާވާ ބޭންކްތައް ވެސް މިހާރު އަންނަނީ މި ސިސްޓަމް ބޭނުން ކުރަމުންނެވެ. މީގެ އިތުރުން ޗައިނާގެ ބޭންކްތައް މި ސިސްޓަމާ ގުޅާލުމުގެ މަޝްވަރާ ކުރިޔަށްދާ ކަމުގައި ވެސް އެ ފަރާތްތަކުން ބުނެ އެވެ.
ރަޝިޔާ ނޫން އެހެން ގައުމުތަކަށް ކުރާނީ ކޮން އަސަރެއް؟
ޔޫރަޕްގެ ގިނަ ގައުމުތަކަކީ ރަޝިޔާގެ ތެލާއި ގޭހަށް ވަރަށް ބޮޑަށް ބަރޯސާ ވާ ގައުމުތަކެކެވެ. ޚާއްސަކޮށް ޖަރުމަނާއި ފްރާންސަށް ބޭނުންވާ ތެލާއި ގޭހުގެ ބޮޑު ބައެއް ގަންނަނީ ރަޝިޔާ އިންނެވެ. އެހެންކަމުން ރަޝިޔާގެ ބޭންކުތަކަށް ފައިސާ ފޮނުވޭނެ ދޮރުތައް ބަންދު ވެއްޖެނަމަ އެ ގައުމުތަކަށް ބޭނުންވާ ގޭހާއި ތެޔޮ ލިބުން ހުއްޓިދާނެކަމުގެ ބިރު ވަރަށް ބޮޑެވެ.
ސްވިފްޓުން ރަޝިޔާ ބޭރުކުރުމާ ޖަރުމަނުން ފުރަތަމަ ދެކޮޅު ހެދީ ވެސް އެ ސަބަބާ ހެދި އެވެ. ނަމަވެސް ބައެއް ގައުމުތަކުގެ ޕްރެޝަރާ ހެދި އެ ކަމަށް އެއްބަސްވިކަމުގައި ވިޔަސް ފިޔަވަޅު އެޅީ ރަޝިޔާގެ ހުރިހާ ބޭންކްތަކަކަށް ނޫނެވެ. ހަގީގަތުގައި ރަޝިޔާ އާއި ޗައިނާ ގުޅިގެން ސްވިފްޓުން ބޭރުގެ ވަސީލަތަކުން ބޭންކްގެ މުއާމަލާތް ކުރަން ފަށައިފިނަމަ ދުނިޔޭގެ ވިޔަފާރި މިވަގުތު ކޮންޓްރޯލް ކުރަމުން ގެންދާ ޑޮލަރުގެ މުހިންމުކަން ކުޑަވެގެން ހިނގައިދާނެކަމުގެ ބިރު އެމެރިކާއަށް ވެސް އެބަ އޮތެވެ.