ވޭތުވެދިޔަ ތިން އަހަރުދުވަހުގެ ތެރޭގައި، އެއްވެސް ދިވެއްސަކު ހަނގުރާމަވެރި ސަރަހައްދަކަށް ދިޔަކުމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ފަސް ވަނަ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި އިތުރަށް މިނިސްޓަރު މާރިޔާ ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، މިސަރަހައްދުގެ އަމާންކަމާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިތުރަށް ވަރުގަދަކުރުމަށް އިސްކަންދެއްވަ އެވެ. އަދި ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ، މިސަރަޙައްދަށް ކުރިމަތިވެފައިވާ ސަލާމަތީ ގިނަ ގޮންޖެހުންތަކާ ކުރިމަތިލުމަށް، ވަރަށް އެކަށޭނަ ނިޒާމެއްގެ ގޮތުގައި ރާއްޖެއިން ދެކޭކަން މިނިސްޓަރ މާރިޔާ ވަނީ ފާހަގަކުރައްވާފަ އެވެ.

ރާއްޖެ ހިމެނޭ ސަރަހައްދަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި، އިންސާނީ ވަގުފާރިއާއި، ކަނޑުފޭރުމާއި، ގަވާއިދާ ހިލާފަށް މަސްވެރިކަންކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަދަ ގޮންޖެހުންތަކަށް އަލިއަޅުއްވައިލައްވަމުން، މާރިޔާ ވިދާޅިވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން މެއި ހަ ގެ ޓެރަރިސްޓް ހަމަލާއަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ސަބަބުން ރާއްޖެއަށް އޮތް ނުރައްކަލާ މެދު މުޅި ގައުމު ހޭލައްވައިލި ހާދިސާއެއް ކަމަށެވެ.

މިނިސްޓަރ މާރިޔާ ވަނީ، ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއާ އެންމެ ފަހުން ގުޅުނު މޮރިޝަސްއަށް މަރުޙަބާ ވިދާޅުވެފަ އެވެ. މޮރިޝަސްއާއެކު، މިކޮންކްލޭވްގައި ހިމެނޭ ގައުމުތަކުގެ އަދަދުވަނީ 4 އަށް އިތުރުވެފަ އެވެ.

ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ އިންޑިޔާއާއި، ސްރީލަންކާއާއި ރާއްޖެއިން ގުޅިގެން، ސަލާމަތީ ރޮނގުން އެއްބާރުލުން އިތުރުކުރުމަށް އުފައްދާފައިވާ ފްރޭމްވަރކެކެވެ. މިފްރޭމްވަރކް ބިނާވެފައިވަނީ މައިގަނޑު 4 ތަނބެއްގެ މައްޗަށެވެ. އެއީ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތްކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާއި، ސައިބަރ ސެކިއުރިޓީ ކަށަވަރުކުރުމެވެ. 2 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިކޮންކްލޭވްގައި އިންޑިޔާ، ސްރީލަންކާ، ރާއްޖެ، މޮރިޝަސް، ބަންގްލަދޭޝް އަދި ސީޝެލްސްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންނާއި މަންދޫބުން ބައިވެރިވަޑައިގަންނަވަ އެވެ.