ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ މައްޗަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ދައުވާ ސާބިތުކުރެވޭނެ ހެކި ނެތް ކަމަށް ބުނެ އެ މައްސަލަ ކްރިމިނަލް ކޯޓުން ބާތިލުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އެ މައްސަލަ ބަލައިގެންފި އެވެ.

ކްރިމިނަލް ކޯޓުން އެ ދައުވާ ބޭރުކޮށްލާފައިވަނީ އެއީ، މަދަނީ މިންގަނޑުން ބެލޭނެ ދައުވާއެއް ނޫން ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. އެގޮތުން މި މައްސަލައާ ގުޅިގެން ބޭއްވި އަޑުއެހުމުގައި، މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވަނީ، އެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނަކަމަށް ނިންމައި މައްސަލަ ބޭރުކޮށްލާފަ އެވެ.

ހަމައެހެންމެ، ދައުލަތުން މައްސަލަ ސާބިތުކުރުމަށް ހެކި ހުށަހެޅިނަމަވެސް، އެ ހެކިތަކަކީ މައްސަލަ ސާބިތުވާ ހެކިތަކެއް ނޫންކަމަށް ވެސް ގާޒީ މިސްބާހު ވަނީ ނިންމަވާފަ އެވެ. އަދި ގާޒީ އެފަދައިން ނިންމެވީ، މީގެ ކުރިން ހައިކޯޓުން ނިންމެވި ނިންމެވުމަށްވެސް ރިއާޔަތްކުރެއްވުމަށް ފަހުގައި ކަމަށް ގާޒީ ވިދާޅުވެފައިވެ އެވެ.

ޕީޖީ އޮފީހުން ވަނީ އެ މައްސަލަ ކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ މި މަހުގެ ހަވަނަ ދުވަހު އެވެ.

މަހުލޫފުގެ މައްޗަށް ދައުވާކުރީ 2015 ވަނަ އަހަރު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ވޯޓު ދެއްވުމުގެ މުޤާބިލެއްގެ ގޮތުގައި 33،000 އެމެރިކާ ޑޮލަރު ހޯއްދެވިކަމަށް ތުހުމަތުކޮށެވެ.

މަހުލޫފްގެ މައްޗަށް ދައުވާކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި- ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައި ވާތީ އެވެ.

މަހުލޫފްގެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ފެބްރުއަރީ 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ފަށެއިރު އެދުވަހު މަހުލޫފު ވަނީ ދައުވާއަށް އިންކާރުކުރައްވާފަ އެވެ.

ރިޝްވަތުގެ މައްސަލާގައި މަހުލޫފް މީގެ ކުރިން ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އެކަމަކު ފަހުން ސަސްޕެންޝަން އުވާލި ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކުރުމުން އޭނާ މަގާމުން ވަކިކުރާނެ ކަމަށް ސަރުކާރުން ބުންޏެވެ. އެހެންނަމަވެސް ސަރުކާރުން ބުނެފައިވާ ގޮތަށް މަހްލޫފު މަގާމުން ވަކިކޮށްފައިނުވާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

އެމްޑީޕީގެ މަޖިލިސް ބައެއް މެންބަރުންވެސް ވަނީ ރައީސް ސޯލިހުގެ ސަރުކާރުން އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލަތައް ބެލުން ހުއްޓާލާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.