ޅ. މާފިލާފުށީގައި ސިފައިންގެ ތަމްރީން ހަދަމުން ދަނިކޮށް ސިއްހީ ގޮތުން ދިމާވި މައްސަލަތައް ތަހުގީގުކުރުމަށް ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން މިހެން ބުނެފައިވާއިރު މާފިލަފުށީގައި ސިފައިންގެ ތަމްރީން ހަދަމުން ދިޔަ ޒުވާނަކު ވަނީ ނިޔާވެފަ އެވެ. އަދި އިއްޔެ ވަނީ ދެ ޒުވާނަކު ހާލު ދެރަވެގެން މާލެ ގެނެސްފަ އެވެ. މިހާރު އެތަނުން އެކަކު އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު އަނެކަކު އަންނަނީ އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.

މިހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ މި ހާދިސާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކާ އެކިދާއިރާތަކުގެ އެކްސްޕާޓުން ހިމެނޭ ގޮތުން ވަނީ ކޮމިޓީއެއް އެކުލަވާލައި، އެ މަސައްކަތް ފަށާފައި ކަމަށެވެ. މިކަންކަމާ ގުޅޭގޮތުން އިތުރަށް އެއްޗެއް ބުނަން އެނގޭނީ ކޮމިޓީގެ މަސައްކަތް ނިމުމުން ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

އެމްއެންޑީއެފުން ބުނީ، އަސްކަރީ ތަމްރީނުތަކަކީ އޭގެޒާތުގައި ބުރަ އަދި ރިސްކު ހިމެނޭ ތަމްރީނުތަކެއް ކަމަށާއި، މި ތަމްރީނުތަކަށް ނެގޭ ސިފައިންނަކީ، ފިޒިކަލް އަދި މެޑިކަލް ޓެސްޓުތަކެއް ހެދުމަށްފަހު ޓްރެއިނިންތަކުގައި ބައިވެރިވެވޭ ކުދިން ކަމަށެވެ.

އެމްއެންޑީއެފްގެ ވަޒީފާއަށް ވަނުމުގެ ކުރިންނާއި ޓްރެއިނިންއަށް ފުރުމުގެ ކުރިން މެޑިކަލް ޗެކަޕް ހަދަ އެވެ. އަދި ވަޒީފާއަށް ވަދެވޭނީ މި މެޑިކަލް ޓެސްޓުން ފާސްވެގެންނެވެ.

މާފިލާފުށީގައި އެމްއެންޑީއެފް ޓްރެއިނިން ހަދަމުންދިޔަ އުމުރުން 19 އަހަރުގެ ޒުވާނަކުވެސް ވަނީ މި މަހުގެ ހަތްވަނަ ދުވަހު މަރުވެފަ އެވެ.