ދެކުނުގެ ބަޣާވާތާ ގުޅިގެން 1962 ވަނަ އަހަރު ގދ. ތިނަދޫން މީހުން ބޭލި ހާދިސާގެ އަޑުއެހުންތައް އިންތިގާލީ އިންސާފުގެ އޮފީހުން މިއަދު ފަށައިފި އެވެ.

މި މައްސަލައިގެ އަޑުއެހުންތައް މިއަދު ހެނދުނު 9:00 ގައި ތިނަދޫގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ކެމްޕަސްގައި ފަށާފައިވާއިރު، އެ ހާދިސާގައި އަނިޔާލިބުނު ތިން މީހަކު މިއަދުގެ ހެނދުނުގެ ދަންފަޅީގައި ވަނީ ބަޔާން ދީފަ އެވެ. ހެނދުނުގެ ދަނފަޅި ކުރިއަށްގެންދިޔައީ 12:00 އަށެވެ.

މި މައްސަލައިގެ އަޑުއެހުންތައް މިމަހުގެ 22ވަނަ ދުވަހާ ހަމަ އަށް ކުރިޔަށް ދާނެ އެވެ. މާލޭގައި މި މައްސަލައިގެ އަޑުއެހުންތައް ކުރިޔަށް ދާނީ މިމަހު 27ގަ އެވެ.

މިއަދު ބަޔާން ދިން މީހުންގެ ތެރޭގައި ހިމެނެނީ ގދ. ތިނަދޫ، ތިނަދޫގެ އާދަމް ހުސެއިން، އާއި ގއ. ކަނޑުހުޅުދޫ، އަތަމާގެ އާއިޝަތު ހުސެއިންގެ އިތުރުން ގދ. ތިނަދޫ، ގޯލްޑަން ހައުސް އާއިޝަތު ފަރީދާ އެވެ.

އޭގެ ތެރޭގައި މީހުންގެ މުދަލާއި ގެދޮރު ސަރުކާރަށް ނެގުމާއި، ބެލުމެއްނެތި މާބަނޑުމީހުންނާއި ކުޑަކުދިންނާއި ދުވަސްމީހުން ރަށުން ބޭލުމާއި، މީހުންގެ ގެދޮރުގައި ހުޅުޖެހި ކަމަށްބުނާ މައުލޫމާތުތަކެއް އެ ފަރާތްތަކުން ވަނީ ހިއްސާ ކޮށްފަ އެވެ. ބަދަލުގެ ގޮތުގައި މަރުގެ ދިޔަ އާއި މުދަލުގެ ބަދަލު ހޯދަން ބޭނުންވާ ކަމަށް ބައެއް ފަރާތްތަކުން ބުންޏެވެ.

https://www.facebook.com/newspsm/videos/501350364982912

އެ ތިން މީހުން ވެސް ވަނީ ތިނަދޫން މީހުން ބޭލުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާސިރުގެ އަމުރުފުޅަށް ސިފައިންނާއި، ވެރިކަަމުގައި އޭރު ތިއްބެވި ބައެއް ފަރާތްތައް ހިންގި ލާއިންސާނީ އަމަލުތައް ކަމަށް ބުނެ ބޮޑެތި ކަންތައްތަކެއް ވަރަށް އަސަރާއެކު ކިޔައިދީފަ އެވެ. ބައެއް މީހުން އެ ވާހަކަދައްކަމުން ދިޔައިރު ލޮލުން ކަރުނައަޅައި ރޮއެފައިވެ އެވެ.

ރަށުން މީހުން ބޭލި ހާދިސާގައި ސީދާ އަނިޔާ ލިބުނު މީހެއްގެ ހައިސިއްޔަތުން ބަޔާންދެމުން އާދަމް ހުސެއިން ބުނީ ރަށުގައި ބަޑިޖަހާ އަނިޔާތައް ދެމުންދިޔައިރު އޭނާގެ އުމުރުން ތިން އަހަރު ކަމަށެވެ. އަދި އެ ހަމަލާތަކުގައި އޭނާގެ އެއްބަނޑެއް ބަފާ ތިން މީހުން މަރުވިއިރު މަންމައަށް ސަލާމަތްކުރެވުނީ އޭނާ އެކަނި ކަމަށެވެ.

"މިރަށުން ބޭލީ ވަރަށް ވިއްސާރަ ދުވަހެއްގެ ރެޔެއްގައި. ވާރޭވެހެމުންދިޔަ. މަންމަ ދިޔައީ ކާނޑެއްދު އަށް އަނެއް ދުވަހު މަޑަވެއްޔަށް. އާއިލާ މީހުން ތިއްބަސް އެކަކު އަނެކަކަށް އެހީވެވޭނެ ހާލަތެއްގައެއް ނޫން އެ ދުވަހު ކަންތައް އޮތީ،" ތިން އަހަރުގެ ހަނދާންތައް އާކޮށް އޭނާ ކިޔައިދޭން ފެށި އެވެ.

ދިވެހި ސިފައިންނަކީ ތިނަދޫގެ ނަސްލު އޮޅުވާލާފައި ތިބި ބައެއްގެ ގޮތުގައި ތުހުމަތުކޮށް އޭނާ ބުނީ ސިފައިން އެ މީހުންގެ ގެތަކަށް ވަން ގޮތަށް މައިންބަފައިންގެ ފޮށިތަކުން އެމީހުން ބޭނުން ސާމާނެއް ނަގައިގެން ދިޔަ ކަމަށެވެ. އަދި ރަށްރަށުގެ ކަތީބުންނާއި ވެރިން ވެސް ކަންތައް ކުރީ ވަރަށް އިހާނެތިކޮށް ކަމަށާއި އެހެންވެ ރަށުން ބޭރުވާން މަޖުބޫރުވި ކަމަށެވެ.

"އެ ހިސާބުން ދިރިއުޅުމުގެ ހުރިޙާ އެއްޗެއް ގެއްލުނީ. މައުލޫމާތު ލިބޭ ގޮތުގައި އަޅުގަނޑުމެންގެ ގެ ވެސް ވަނީ ސިފައިން ވަނީ ހުޅުޖަހައި އަންދާލާފައި. ކޮބައިތޯ އިންސާނިއްޔަތުކަމަކީ،"

އެ އަޑުއެހުމުގައި ބަޔާން ދިން އައިޝަތު ހުސެއިން ބުނީ އޭނާގެ ބައްޕަ ނިޔާވީ ނާސިރާ އެކު ދިޔަ ސިފައިން ދިން ބަޑީގެ ހަަމަލާގައި ކަމަށެވެ. އޭރު މަންޒަރު ފެނި މަންމަ ހެޔަށް ގޮތްވެގެން ގެއަށް ގެންދިޔަ ކަމަށާއި އޭނާގެ ކުދި ކުދިންތައް ކިހިލި ޖަހައިގެން އޭރު ވެސް އެތަނުގައި އޭނާ ހުރި ކަމަށެވެ. އަދި ރަށުން ފައިބަން އެންގުމުން ރަށުގެ ރައްޔިތުން ބައްތެލިތަކާ ދިމާލަށް ދުވެފައި ދިޔަ ކަމަށާއި އޭރު ބައެއް ގެތަށް އަނދަންމުންދިޔަ ކަމަށެވެ.

ތިނަދޫން މީހުން ބޭލުމާ ގުޅިގެން އެރަށަށް އިއާދަ ނުކުރެވޭ ފަދަ ގެއްލުން ލިބިފައިވާ ކަމަށް ބުނެ އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅީ އެރަށު ކައުންސިލުންނެވެ. އެ މައްސަލައިގައި ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ގިނަ ކަންތައްތަކެއް ހޯދުމަށް ކައުންސިލުން ހުށަހެޅި އެވެ.

ކައުންސިލުން ބަދަލުގެ ގޮތުގައި ހޯދުމަށް ހުށަހަޅާފައިވާ ކަންކަން:

  • ތިނަދޫ މީހުން ރަށުން ބޭލި މައްސަލަ ތަހުގީގުކޮށްދިނުން
  • ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައިވާ އިންސާނީ އެންމެހައި ހައްގުތައް ހޯދައިދިނުން
  • އެ ރަށުން ގެއްލިފައިވާ މުއްސަދިކަން އާރޯކުރުމަށް 100 އަހަރުގެ ތަރައްގީގެ ޕްލޭނެއް އެކުލަވާލައިލުން
  • ތިނަދޫ ރައްޔިތުންގެ ކިބައިން ދިވެހި ދައުލަތުން މައާފަށް އެދުން
  • ތިނަދޫ ރައްޔިތުންނަށް އެކަމުގެ ބަދަލު ހޯދައި ދިނުމާއެކު މީހުން ބޭލުމުގައި ބައިވެރިވި ފަރާތްތަކުގެ މުދަލާއި ބިންތަކުގެ 50 އިންސައްތަ ފައިދާ ދާއިމީ ގޮތެއްގައި ތިނަދޫ ރައްޔިތުންނަށް ދިނުން

ކައުންސިލުން އެގޮތަށް ނިންމީ 1962 ވަނަ އަހަރު ތިނަދޫން އެއްވެސް ހައްގަކާނުލައި އިންސާނީ ކަރާމަތަށް ފުށުއަރާގޮތަށް މީހުން ފޭބުމަށް އަންގުމުގެ ސަބަބުން އޭރު ތިނަދޫ އާބާދީގެ ބޮޑު ބައެއް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ބުނެ އެވެ. އަދި އެ އަހަރު އަލުން ތިނަދޫގައި މީހުން އާބާދުވުމަށް ސަރުކާރުން ހުއްދަ ދިން ނަމަވެސް ތިނަދޫގައި މީހުން އާބާދުވިއިރު އިންސާނުން ދިރިއުޅުމަށް ބޭނުންކުރާނެ އެއްވެސް ވަސީލަތަކާއި ކާންބޯން ބޭނުންކުރާނެ އެއްވެސް ގޮތެއް ނެތް ކަމަށާއި ރަށުން ބޭލިއިރު ތިނަދޫގައި ހުރި މުއްސަނދިކަމުގެ އެއްވެސް އަސަރެއް ފެންނަން ނެތި އެ ހިތްދަތި ދިރިއުޅުމުގެ އަސަރު މިހާރު ވެސް ފެންނަން އެބަހުރި ކަމަށް އެރަށު ކައުންސިލުން ބުނެފައިވެ އެވެ.

މީގެ ދެ އަހަރު ކުރިން ފާސްކޮށް، އަމަލުކުރަމުން އަންނަ އިންތިގާލީ އިންސާފުގެ ގާނޫނުގައި އޮތް ގޮތުން އެ ގާނޫނުގެ ދަށުން އިންސާފު ހޯދޭނީ ޖެނުއަރީ 1، 1953 އިން ނޮވެމްބަރު 17، 2018 އާ ހަމަ އަށް ހިންގާފައިވާ ކަންކަމަށެވެ. އެ މުއްދަތުގައި ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައިދިނުން ގާނޫނުން އެ އޮފީހަށް ލާޒިމްކޮށްފައިވެ އެވެ.