މާލޭގެ ގެއެއްގެ ތަޅުންގަނޑު އަޑީގައި ވަޅުލާފައި ހުއްޓާ ރޭ އަތުލައިގަތް 42 ކިލޯގެ ހެރޮއިންގެ މައްސަލައިގެ އިސް މީހެއް ކަމަށް ބެލެވޭ މީހާ ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މާފަންނު ގެއަކުން 42 ކިލޯގެ މަސްތުވާތަކެތި އަތުލައިގެން މައްސަލައާ ގުޅިގެން މިރޭ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މައްސަލައިގެ ތުހުމަތު ކުރެވޭ އިސް ފަރާތް މިހާރު ހައްޔަރު ކުރެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް މިމައްސަލައާއި ގުޅިގެން އިތުރު މައުލޫމާތު ސީޕީ ހާމަކޮށްފައިނުވެ އެވެ.

މިމައްސަލާގައި މީގެ ކުރިން ވަނީ އިތުރު މީހަކު ވެސް ފުލުހުން ހައްޔަރު ކޮށްފަ އެވެ.

ފުލުހުން ބުނީ މިމަސްތުވާތަކެތި ފޮރުވުމަށް އެގޭ ތެރޭގައި ބިމު އަޑީގައި ވަޅެއް ކޮނެ، އޭގެ މަތީގައި ސިމެންތި އެޅުމަށްފަހު މުށި ވެސް ޖަހާފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން މިތަން ހޯދައި އެތަން ތަޅާލުމަށްފަހު އޭގެ ތެރޭގައި ހުރި މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އެ ތަކެތި ފެނުނީ އައިޖީއެމްއެޗް ކައިރީގައި ހުންނަ ފުލުހުންގެ ކުޑަކުދިންގެ މައްސަލަތައް ބަލާ ޔުނިޓްގެ އޮފީސް ކުރިމަތީގައި ހުރި ގެއަކުންނެވެ. ދެ ބުރިއަށް ހަދާފައިވާ އެ ތަނުގައި މީހުން ދިރިއެއްނޫޅެ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގައި ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އަންނަނީ އަތުލައިގަންނަމުންނެވެ. މި މަހުގެ 20 ވަނަ ދުވަހު ވެސް ވަނީ ވައިގެ މަގުން އެތެރެކޮށް ޕިކަޕެއްގައި އުފުލި 17 ކިލޯގެ ޑްރަގް އަތުލައިގެންފަ އެވެ.