ތިލަމާލެ ބްރިޖް މަސައްކަތް ފެށުމަށް ކުރަން ޖެހޭ އެންމެ މުހިއްމު ސާވޭގެ މަސައްކަތްތަކަށް ބޭނުންވާ ބާޖް ރާއްޖެ ގެނެސްފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މި ޖެކްއަޕް ބާޖްއަކީ ބްރިޖްގެ މަސައްކަތަށް ކަނޑުގެ ސަރަހައްދުގެ މުހިންމު ސާވޭތަކެއް ކުރިއަށްގެންދިއުމަށް ބޭނުންކުރާނެ ބާޖެއް ކަމަށެވެ. އެގޮތުން ކަނޑު އަޑީގެ އޮއިވަރާ ގުޅޭ ސާވޭތަކާއި، އަދި ކަނޑުގެ އަޑިއަށް ޖަހާ ތަނބުތަކާއި ގުޅޭ ސާވޭތައް ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މި ބާޖަކީ ބްރިޖްގެ އަމަލީ މަސައްކަތް ފެށުމުން، ތަނބުތައް ޖެހުމުގެ މަސައްކަތުގައި ވެސް ބޭނުންކުރާނެ ބާޖެއް ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ. އަދި ސާވޭއަށް ބޭނުންވާ މެޝިނަރީތައް ކަނޑުމަތީގައި ގެންގުޅުމަށް ބޭނުން ކުރާނެ ޕްލެޓްފޯމަކަށް ވެސް މި ބާޖު ބޭނުންކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މި ބާޖުގައި ހެލިކޮޕްޓަރު ޖެއްސޭ ގޮތަށް ހެލިޕެޑްއެއް ވެސް ހިމެނެ އެވެ.

ބްރިޖްގެ މަސައްކަތް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 16 ވަނަ ދުވަހު އެވެ. މިހާރު ވެސް މާލެއާއި ވިލިމާލޭގެ ކަނޑުއޮޅިތަކުގައި ޕްލެޓްފޯމްތައް ޖަހާ އަންނަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން ޕްލޭނިން މިނިސްޓްރީން ބުނީ ބްރިޖްގެ މަސައްކަތްތަކަށް ބޭނުންވާ މާލޭގެ ސައިޓާއި ގުޅީފަޅު ސައިޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އެފްކޮންސް ކުންފުންޏާ ހަވާލުކޮށްފައިވަނީ އަންނަ އަހަރު ނިމޭއިރު، ގުޅީފަޅާއި ހަމައަށް އަޅަންޖެހޭ ބްރިޖް ކަނެކްޓިވީޓީގެ މަސައްކަތްތައް ނިންމަންޖެހޭ ގޮތަށް ކަމަށެވެ. އަދި 2024 ވަނަ އަހަރުގެ މޭ މަހަށް މުޅި ބްރިޖްގެ ހުރިހާ މަސައްކަތްތައް ނިންމަން ޖެހެ އެވެ.

ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން، 6.47 ކިލޯ މީޓަރުގެ ދިގު ބުރިޖަކާއި ކޯޒްވޭއަކުން މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި، ގުޅީފަޅު ގުޅާލާނެ އެވެ.

ތިލަމާލެ ބްރިޖަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކާއި އެ ޤައުމުން ދޭ އެހީއެއް އެއްކޮށްލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫޢުއެވެ. މި މަޝްރޫޢުއަށް 7.7 ބިލިއަން ރުފިޔާ ވަރު ހަރަދު ކުރާނެ އެވެ.