ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ ސަރުކާރުގެ އެހީގައި ބިނާކުރެއްވި ކިންގް ސަލްމާން މިސްކިތުގައި ބަލަހައްޓަނީ ސަރުކާރުން ކަމަށާއި އެސަރަހައްދުގައި ޕާކިން ޒޯނެއް ތަރައްގީ ކުރުމަށް އެއްބާރުލުން ލިބިފައިނުވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު މުއިއްޒު މިހެން ވިދާޅުވީ ކިންގް ސަލްމާން މިސްކިތް ހުޅުވުމާއެކު ގިނަ ބަޔަކު އެ މިސްކިތަށް ނަމާދު ކުރުމަށްދާއިރު އެސަރަހައްދުގައި ޕާކު ކުރުމުގައި ހުރި ދަތިތަކާ ގުޅިގެން ގިނަ ބަޔަކު ޝޯޝަލް މީޑިއާގައި ޝަކުވާކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ކިންގް ސަލްމާން މިސްކިތުގެ އެކި ކަންކަމުގައި އާންމުން ސިޓީ ކައުންސިލަށް ގުޅައި ސުވާލުކުރަމުންދާ ކަމަށެވެ. ސޯމިލް ހުސްކުރުމަށްހު އެ ތަނުގައި ޕާކިން ޒޯނެއް ގާއިމުކުރަން ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތުގައި ސަރުކާރުން އެއްބާރުލުމެއް ނުލިބޭ ކަމަށް މޭޔަރު ވިދާޅުވި އެވެ.

"ކިންގް ސަލްމާން މިސްކިތުގެ އެކި ކަންކަމުގައި ސިޓީ ކައުންސިލަށް ގުލައި، މެސެޖް ކޮށް ހަދާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވާލަން. ކިންގް ސަލްމާން މިސްކިތް ބަލަހައްޓަނީ ސަރުކާރުން. ސިޓީ ކައުންސިލާއި، ހަވާލެއް ނުކުރޭ. އަދި ސޯމިލް ހުސްކޮށް، ޕާކިން ޒޯނެއް ހެދަން މާލެ ސިޓީ ކައުންސިލުން ކުރި މަސައްކަތަށް އެއްބާރުލުން އަދި ނުލިބޭ،" މުއިއްޒު ވިދާޅުވި އެވެ.

ސަލްމާން މިސްކިތުގައި ނަމާދުކުރަން ފެށިއިރު ރާއްޖޭގައި ހުރި އެންމެ ބޮޑު މި މިސްކިތަށް ހާއްސަ އިމާމެއް އަދި މިސްކިތުގެ މަސައްކަތު މީހުން ހަމަޖައްސާފައެއް ނުވެ އެވެ. މިސްކިތުގެ އިމާމުންގެ ގޮތުގައި މަސައްކަތްކުރައްވަން ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ އިމާމުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި އެޅި މި މިސްކިތް ބިނާކުރުމަށް ޚަރަދުކުރި ފަންސަވީސް މިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން 14.5 މިލިއަން ޑޮލަރު ސައުދީ ސަރުކާރުން ހަދިޔާކުރިއިރު ބާކީ ފައިސާއަކީ ދިވެހި ދައުލަތުން ކުރި ހަރަދެވެ.

އެ މިސްކިތުގެ ފުރަތަަމަ ދެ ފަންގިފިލާ ނަމާދު ކުރަން ހާއްސަކޮށްފައިވާ އިރު ތިނެއް އަދި ހަތަރު ވަނަ ފަންގިފިލާ ބޭނުން ކުރާނީ އޮޑިޓޯރިއަމްއެއްގެ ގޮތުގަ އެވެ. އަދި ފަސްވަނަ ފަންގިފިލާގައި މަލްޓި ޕާޕަސް ބޮޑު ހޯލެއް ހިމެނޭ އިރު އެކި އެކި އިވެންޓްތައް އެތަނުގައި ބޭއްވެ އެވެ.