މިދުވަސްވަރަކީ ރާއްޖެއަށް ހޫނުގަދަ ދުވަސްވަރެއްކަމުން، ކަރަންޓް ހަރަދުކުޑަކުރުމާއެކު ކަރަންޓް އިގްތިސާދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި އެވެ.

ސްޓެލްކޯއިން ބުނީ މިދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައި ކަމަށެވެ. އަދި މިދުވަސް ވަރަކީ ރޯދަމަހަކަށް ވެފައި ކަރަންޓު ބޭނުން ކުރާވަރު އިތުރުވާނެ ކަމަށް ބެލެވޭތީ ކަރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދީގެން ކަރަންޓް އިގްތިސާދު ކުރުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ވޭތުވެދިޔަ 29 އަހަރު ދުވަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި ހިނގާ އޭޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ މަސްކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރު ކަމަށާއި، މިއަހަރު ވެސް އެންމެ ހޫނުގަދަވާނެ ކަމަށް ލަފާކުރެވެނީ މި މަހު ކަމަށް މެޓް އޮފީހުން ބުނެ އެވެ.

އަދި މިދުވަސްވަރަކީ ވައިމަޑު ދުވަސްވަރެއްކަމުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށް ވުރެ އިހުސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް އިތުރުވެގެންދާ ކަމަށާއި އެހެން ދިމާވުމަށް މެދުވެރިވާ ސަބަބަކީ މިދުވަސްވަރަކީ އިރުވައި މޫސުން ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރު ކަމަށްވީމަ ކަމަށް މެޓް އޮފީހުން ބުނެ އެވެ.