ސްރީލަންކާގައި ކުރިއަށް ދިޔަ ޖާދޫ ހެދުމުގެ މުބާރާތަކުން ދިވެހި ޖާދޫގަރަކަށް ދެ ވަނަ ލިބިއްޖެ އެވެ.

ލަންކާގެ މެޖިކްޝަން ސޮސައިޓީން މިމަހުގެ އަށް ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ގެންދިޔަ ބައިނަލްއަގުވާމީ މެޖިކް ޝޯއިން ދެ ވަނަ ލިބިފައި ވަނީ ރާއްޖޭގެ މަޝްހޫރު ޖާދޫގަރު މުހައްމަދު ޝަރީފް (ބެގޯނިއާ) އަށެވެ.

މިމުބާރާތުގެ އެއް ވަނަ ހޯދާފައިވަނީ ފިލިޕީސްގެ މީހެކެވެ.

މިމުބާރާތުގައި ނުވަ ގައުމަކު ވާދަކޮށްފައިރު ކޮންމެ ބައިވެރިޔަކަށް ވެސް އެމީހެއްގެ ހުނަރު ދައްކާލުމަށް ދިހަ މިނެޓް ލިބިގެން ދިޔަ އެވެ.

މިމުބާރާތާ ބެހޭ ގޮތުން "ހުރިހާ" އާ ވާހަކަދައްކަމުން ޝަރީފު ބުނީ މިފަދަ ކާމިޔާބީއެއް ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

ދިވެހި މެޖިކްޝަން މުހައްމަދު ޝަރީފުއަށް ލަންކާގައި ބޭއްވި ބައިނަލްއަގުވާމީ މެޖިކް މުބާރާތުން ލިބުނު ހަނދާލިޔުން

"މިހާރު މިހުރި ހިސާބަށް އައިސްފައިވަނީ އަމިއްލަ މަސައްކަތުން،" އޭނާ ބުންޏެވެ.

މީގެ އިތުރުން ޝަރީފު ބުނީ ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ސޯތަކުން އޭނާ ފެނިގެންދާނެ ކަމަށެވެ.

ރާއްޖޭގައި ވެސް މަދުން ނަމަވެސް ޖާދޫ ހަދާ ފަރާތްތައް އުޅެ އެވެ. އެހެން ނަމަވެސް މިއީ ރާއްޖޭގައި އެހާ އާންމުކަމެއް ނޫނެވެ. އަދި މިފަދަ ހަރަކާތްތައް ބޭއްވިގެންނުދާކަން ވެސް ފާހަގަ ކޮށްލެވެ އެވެ.