މިއަހަރުގެ ފިތުރު އީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް ކ.މާފުށީގައި ފާހަގަ ކުރުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.

މަފުށީގައި ކުލަގަދަކޮށް ފިތުރު އީދު ފާހަގަ ކުރުމަށްޓަކައި މިހާރު ކުރަމުން އަންނަ މަސައްކަތްތަކާއި ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާފުށި ކައުންސިލުގެ ރައީސް ހަސަން ސަލާހް ވިދާޅުވީ، ފިތުރު އީދުގެ ހަރަކާތްތައް މިއަހަރު ކުރިއަށްގެންދަން ވިސްނާފައިވަނީ މުޅި ދުވަހަށް ބަހާލައިގެން ފެސްޓިވަލް ސްޓައިލަށް ކަމަށެވެ. އެގޮތުން މި ހަރަކާތްތައް ފެށޭނީ ބޮޑު ޖަމާއަތުގައި ކުރެވޭ އީދު ނަމާދުން ކަމަށާއި، ސަގާފީ ގޮތަށް ތައްޔާރުކުރެވޭ ހެނދުނުގެ ސައިފޮދަކާއި، މެންދުރުގެ ފަރިއްކޮޅެއް ރޭވިފައިވާ ކަމަށް ސަލާހް ވިދާޅުވި އެވެ.

މީގެ އިތުރުން ކުޑަކުދިންގެ ހަވީރަކާއި، ހުރިހާ އުމުރުފުރާތަކަކަށް ޚާއްސަކޮށްގެން މިއުޒިކް ޝޯއެއް އީދު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

"މިހުރިހާ ހަރަކާތެއްގައިވެސް ބައިވެރިވެ، މި އަހަރު އީދު ފާހަގަކުރުމަށް މާފުށީގެ ރައްޔިތުން އަދި ކައުންސިލުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވަން. އީދުގެ ސަގާފަތާއި މުޖުތަމަޢުގެ ގުޅުން އާލާކުރުމަށް އަމާޒުކޮށްގެން ބާއްވާ މި ހަރަކާތްތަކުގައި ރަށުގެ ރައްޔިތުން، ރަށުގައި އެވަގުތު ތިބި ފަތުރުވެރިން އަދި މާފުށީގައި ވަޒީފާ އަދާކުރާ ފަރާތްތަކުން ބައިވެރިވާނެ،" ސަލާހް ވިދާޅުވި އެވެ.

މާފުށީގައި މިއަހަރުގެ ފިތުރު އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ތައްޔާރުވަމުންދާއިރު، މިކަމުގައި ރަށުގެ ވިޔަފާރިތަކާއި ޖަމިއްޔާތަކުގެ އެހީތެރިކަމާއި އެއްބާރުލުން ކައުންސިލަށް ލިބެމުންދާކަން ކައުންސިލުން ފާހަގަކުރެ އެވެ.

މާފުށީ ކައުންސިލުން ބުނީ ދުރާލާ ރާވައިގެން ބާއްވަން ނިންމާފައިވާ އީދު ހަރަކާތްތަކުގެ އަމާޒަކީ އީދުގެ ސަގާފަތާއި މުޖުތަމައުގެ ގުޅުން އާލާކުރުން ކަމަށާއި މި ހަރަކާތްތަކުގައި އެރަށުގައި އެވަގުތު ތިބި ފަތުރުވެރިންނާއި މާފުށީގެ ރައްޔިތުންނަށް ވެސް ބައިވެރިވާނެ ކަމަށެވެ.