އަންހެނުން ބާރުވެރިކުރުމަށް ކޮންމެ އަވަށެއްގައި ކޯޕަރޭޓިވްއެއް އުފައްދަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މިގޮތަށް ސިޓީ ކައުންސިލުން ނިންމާފައި ވަނީ އެކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 49 ވަނަ ޖަލްސާގައި ބައިވެރިވި 12 މެންބަރުންގެ ތާއީދާއެކު އެވެ.

މި ކައުންސިލް ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ ކޮންމެ އަވަށެއްގައި ކަނބަލުންގެ ކޯޕަރޭޓިވްއެއް އުފައްދަނީ އަންހެނުން ބާރުވެރި ކުރުވުމުގެ ގޮތުން ކަމަށެވެ. އަދި މި ކޯޕަރޭޓިވް ތަކަކީ، ސިޓީ ކައުންސިލުން އަމާޒު ހިފާފައިވާ "ވިމެން މާކެޓް" ހިންގާނެ ފަރާތްތައް ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ގޭގޭގައި ހަދާ ތަކެތި ގަނެ، އެތަނުގައި ވިއްކައިގެން ހަގީގީ މާނައިގައި ކަނބަލުންނަށް އިޤްތިޞާދީ ބާރުވެރިކަން، ކައުންސިލުގެ އެހީތެރިކަމާއެކު ހޯދޭނެ ކަމަށެވެ.

"އެއީ ކޮންމެހެން ކާބޯތަކެއްޗެއް ނޫން، އުފެއްދުންތެރިކަމާ މިހެންގޮސް، އެކި ކަހަލަ ތަކެތި ގަނެ، އެތަނުގައި ވިއްކައިގެން ހަގީގީ މާނައިގައި ކަނބަލުންނަށް އިގްތިސާދީ ބާރުވެރިކަން، ކައުންސިލުގެ އެހީތެރިކަމާއެކު ހޯދައިދިނުން،" މޭޔަރު ޑރ. މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު އިތުރަށް ވިދާޅުވީ ހަމަޖެހިފައި އޮންނަ އުސޫލަކުން،މިކަމުން ކައުންސިލަށްވެސް ނަފާ ލިބިގެންދާނެ ކަމަށާއި، ބޭނުމަކީ ރައްޔިތުންނަށް އިތުރު ޚިދުމަތްތަކެއް ކޮށްދެވުން ކަމަށެވެ.

ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމަކީ ސިޓީ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް)ގައިވާ "ފުދުންތެރި ދިރިއުޅުން" މި އަމާޒުގެ ދަށުން ކުރުމަށް ނިންމާފައިވާ އެއްކަމެވެ.

ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމަށް ކައުންސިލަރުން މިއަދު ފާސްކުރުމާއެކު، ރަޖިސްޓްރީ ކުރުމަށް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅުއްވާނެ އެވެ.