ގާތް މީހަކަށް ވަޒީފާއެއް ހަމަޖައްސައިދިނުމަށް އެދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ސަރުކާރުގެ ކުންފުންޏެއްގެ އިސްވެރިއަކަށް ފޮނުވި މެސެޖެއް ލީކުވެއްޖެ އެވެ.
މީހަކަށް ވަޒީފާ ހޯދުމަށް އެދި ފޮނުއްވި މެސެޖު ސޯސަލް މީޑިއާގައި ލީކުވެފައި މިވަނީ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިންގައި ސަރުކާރުގެ ވެރީންގެ އަރިހުގައި އެދިގެން އެއްވެސް މީހަކަށް ވަޒީފާއެއް ހޯދައިދޭން އޭނާ މަސައްކަތް ކޮށްފައިނުވާނެ ކަމަށް އިންތި ވިދާޅުވެފައި ވަނިކޮށެވެ. އަދި އެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަންނަނީ މި އިންތިހާބާ ދިމާކޮށް އޭނާ އާ ގުޅުންހުރި ފަރާތްތަކަށް ވަޒީފާ ހޯދައި ދިނުމަށް މަސައްކަތް ކުރަމުން ކަމަށް ވެސް އިންތި ވަނީ ތުހުމަތު ކުރައްވާފަ އެވެ.
ސަރުކާރުގެ ކުންފުންޏެއްގެ ވެރިއަކަށް ކޮށްފައިވާ މެސެޖުގައި އިންތި އެދިފައިވަނީ އަންހެނަކަށް ވަޒީފާއެއް ހަމަޖައްސައި ދިނުމަށެވެ. އިންތި އެދުނު ގޮތަށް ވަޒީފާ ހަމަޖެހުމުން އޭނާ ވަނީ އެ ކުންފުނީގެ ޗެއާމަނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އައިމިނަތު ތޮއިބާ ހަސަން ކިޔާ މީހަކަށް ވަޒީފާއެއް ހަމަޖައްސައި ދިނުމަށް އެދި އިމްތިޔާޒް މެސެޖް ކުރައްވާފައިވާ މިހާރު އެޗްޑީސީގެ ދަށުގައި އޮތް ކުރީގެ ގްރޭޓާ މާލެ ކުންފުނީގެ ޗެއާމާން ޝާތިރު އަބްދުއްރަހުމާނަށެވެ.
ނަމަވެސް މެސެޖްތަކާ ގުޅޭ ގޮތުން އަދި މިހާތަނަށް އިންތި އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.
މި މެސެޖްތަކުގެ ސައްހަކަން ސަރުކާރުގެ އިސް އޮފިޝަލަކު ޔަގީން ކޮށްދެއްވި އެވެ.
މިދިޔަ މަހު ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި އިންތި ވަނީ އޭނާގެ ދާއިރާގެ މީހުންނަށް ވަޒީފާ ދޭން އެދުމުން ވަޒީފާ ހަމަނުޖެހޭ ކަމަށް ވިދާޅުވެ އެކަމުގެ ޝަކުވާ ވެސް ކުރައްވާފަ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު މެއި 16 ގައި ބާއްވާއިރު އެމްޑީޕީ ވަނީ ދެ ފެކްޝަނަކަށް ބެހިފައެވެ.
ޗެއާޕާސަންގެ އިންތިހާބަށް ނަޝީދުގެ ތާއީދާއެކު އިމްތިޔާޒު ވާދަކުރައްވާއިރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވާދަކުރައްވަނީ ރައީސް ސޯލިހުގެ ތާއިދާއެކު އެވެ.