އިއްޔެއަކީ ވެސް ދިވެހި ޕާސްޕޯޓުގެ ހިދުމަތަށް ވަރަށް ބާރުބޮޑު ދުވަހެއް ކަމަށާއި އިއްޔެ އެކަނި 329 ޕާސްޕޯޓެއް ދޫކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއަހަރުގެ ފިތުރު އީދުގެ ޗުއްޓީއާ ދިމާކޮށް އިއްޔެއަކީ ވެސް ދިވެހި ޕާސްޕޯޓުގެ ހިދުމަތަށް ވަރަށް ބާރުބޮޑު ދުވަހެއް ކަމަށެވެ. އެގޮތުން 227 ޕާސްޕޯޓު އެންރޯލްކޮށް، 329 ޕާސްޕޯޓު އިއްޔެ ވަނީ ދޫކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

"އެގޮތުން ވީހާވެސް ގިނަ ރައްޔިތުންނަށް ހިދުމަތްދީ، އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ކުރައްވަމުންދާ އުއްމީދުތަކުގައި ކުލަޖެއްސުމުގެ ގޮތުން، އަޅުގަނޑުމެންގެ ހީވާގި އޮފިސަރުން 28/4/22 ވަނަ ދުވަހު 09:00 - 17:00 އަށް އަދި 20:30 - 23:30 އަށް ޚިދުމަތް ދީފައިވާކަން ފާހަގަކުރަން،" އިމިގްރޭޝަނުން ބުންޏެވެ.

ކޮންމެ އަހަރެއްގެވެސް އީދާ ދިމާކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދު އިތުވެގެންދެ އެވެ، އަދި ޕާސްޕޯޓް ހަދަން ހުށަހަޅާ ފަރާތްތަކުގެ އަދަދުވެސް އިތުރުވެ އެވެ.

މިއަހަރުގެ ފިތުރު އީދާ ދިމާކޮށް ލިބޭ ޗުއްޓީގައި ރާއްޖެއިން ބޭރަ އެއް ބަޔަކު ދަތުރުކުރާއިރު އަނެއް ބަޔަކު ރާއްޖޭގެ ކޮންމެވެސް އެހެން ހިސާބަކަށް ދަތުރުކުރެ އެވެ.

ރާއްޖޭގައި މިހާރު ބޭނުން ކުރާ ޕާސްޕޯޓަކީ މި ސަރަހައްދުގައި ވެސް އެންމެ ވަރުގަދަ އެއް ޕާސްޕޯޓެވެ. ވިސާ ހޯދުމެއް ނެތި ރާއްޖޭގެ ޕާސްޕޯޓުގައި 85 ގައުމަށް މިހާރު ދަތުރު ކުރެވެ އެވެ.

ރާއްޖޭގައި މިހާރު ބޭނުން ކުރާ ޕާސްޕޯޓު ތައާރަފްކުރީ 2016 ވަނަ އަހަރު އެވެ. ޒަމާނީ އަދި ހައި ސެކިއުރިޓީ ފީޗާތަކާ އެކު ތައާރަފްކޮށްފައިވާ މި ޕާސްޕޯޓުގެ ޑޭޓާ ޕޭޖުތައް ތައްޔާރުކޮށްފައި ވަނީ ޕޮލިމާ ބޭނުންކޮށްގެންނެވެ.