ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ ފެޔަށް ޖެހެވެން ނެތް ކަމަށާއި 2023 ވަނަ އަހަރުގެ އިންތިހާބު ދޫކޮށްލައިގެން 2028 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމަށް ގަބޫލުކުރުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ތާއީދު އިތުރު ކުރުމުގެ ގޮތުން ޏ. ފުވައްމުލަކުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ފާޓީގެ ހަރަކާތްތައް އިތުރުކޮށް ސިޔާސީ ހަރަކާތް ވަރުގަދަކޮށް ހިންގޭނީ ސަރުކާރާ ފެޔަށް ޖެހިގެން ނޫން ކަމަށެވެ.
އެމްޑީޕީން ބޭނުންވާ ގޮތަށް ސަރުކާރު ނުހިނގާ ކަމަށް ވިދާޅުވެ އެމްޑީޕީން ސަރުކާރާ ވަކިވުމަށް ރައީސް ނަޝީދު ގޮވާލައްވާ ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވާ ފައްޔާޒު ވިދާޅުވީ ސަރުކާރާ ފެޔަށް ޖެހުމަކީ ރަނގަޅުގޮތެއް ނޫން ކަމަށާއި، ސަރުކާރާ އެކު މަސައްކަތްކުރުމަށް ވިސްނުން ހުންނަން ޖެހޭ ކަމަށެވެ. 2023 އިދިކޮޅަށް ދޫކޮށްލައިގެން ދެން އިންތިޚާބު ކާމިޔާބުކުރެވޭނެ ކަމަށް ނުވިސްނޭ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ. އަދި ސަރުކާރާ ފެޔަށް ޖެހި 2023 ގެއްލި 2028 ލިބޭނެ ކަމަށް ގަބޫލުކުރުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަރަށް އިހްތިރާމާއެކު މި ދަންނަވަނީ ރައީސް ނަޝީދު ވިދާޅުވިޔަސް އަޅުގަނޑުމެންނަކަށް ނެތް ސަރުކާރާ ފެޔަށް ޖެހެވޭކަށް، އެއީ ރަނގަޅުގޮތެއް ނޫން. އަޅުގަނޑުމެން ވިސްނަންވީ ސިޔާސީ ހަރަކާތްތަށް ވަރުގަދަކޮށް ބަދަހި ކޮށް ރައްޔިތުންނަށް ދިމާވާ ކަންތައްތައް ހައްލުކޮށްދޭ ޕާޓީއަކަށް މި ޕާޓީ ހަދަން،" މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީ ޗެއާޕާސަން ހޮވުމުގެ އިންތިހާބު އޮންނާނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.
ޗެއާޕާސަންގެ އިންތިހާބުގެ ވާދަވެރިކަން ބޮޑުވެފައިވާ އިރު، ދެ ކެނޑިޑޭޓުންގެ ވެސް ސަޕޯޓަރުންނާއި މެމްބަރުންގެ އިތުރުން އިސްކޮށް އުޅުއްވާ ފަރާތްތަކުން ދަނީ އެއް ބަޔަކު އަނެއް ބަޔަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގެ ފޯރި ގަދަވެ، ދެ ފަރާތުގެ ދެމެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރަމުންދާ އިރު، މި އިންތިހާބުގައި އިންތި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ.
ފައްޔާޒު ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ.