މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ އާއި އޭނާގެ މަންމަ، ޕީޕީއެމް އިން ވަކިކޮށްފި އެވެ.

މެމްބަރު ނަހުލާ އާއި އޭނާގެ މަންމަ، އައިމިނަތު ލީލާ ޕީޕީއެމުން ވަކިކޮށްފައިވަނީ، އެ ދެމީހުންނާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައެއް އެ ޕާޓީގެ ސުލޫކީ ކޮމިޓީން ބަލަމުން ދަނިކޮށެވެ.

އެގޮތުން މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓަށް "އެންޓި ކެމްޕެއިން" ކުރާކަން ހެއްކާއެކު އެނގިފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ.

އޭގެ އިތުރުން ޕީޕީއެމާ ގުޅިގެން ނަހުލާގެ ސޯޝަލްމީޑިއާގައި ޕޯސްޓެއް ލިޔެފައިވާއިރު، ޕީޕީއެމުން ވަނީ އެޕާޓީން ނެރުނު ބަޔާނެއްގައި ނަހުލާގެ އެ ވާހަކަތައް ދޮގުކޮށް، އެއަމަލު ކުށްވެރިކޮށްފަ އެވެ. އަދި ޕާޓީގެ އާންމު މެންބަރުން ކައިރީގަ އާއި، ސޯޝަލް މީޑިއާގައި އެ ޕާޓީއާއި އެ ޕާޓީގެ ލީޑާޝިޕް ބަދުނާމުކޮށް ހަގީގަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރަން ނަހުލާ ފަށާފައިވާ ކަމަށް ޕީޕީއެމުން ބުނެފައިވެ އެވެ.

މި މައްސަލަތަކާއި ގުޅިގެން ޕީޕީއެމުން ދާދި ދެންމެ ވަނީ ނަހުލާ އާއި ލީލާ، އެ ޕާޓީން ވަކިކުރަން ނިންމާފަ އެވެ.