2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ވާދަކުރައްވާނެ ކަމަށް ކުރިމަތިލައްވާނެކަމަށް ދެކެވަޑައިނުގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ނަޝީދު މިހެން ވިދާޅުވީ ދިވެހި ޗެނަލްގެ "ހަވާސާ" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެތޯ ރައީސް ނަޝީދާ ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއިން ބާއްވާ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީއަށް ކުރިމަތިލައްވާނެ ކަމަށެވެ. އަދި އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގެންފިނަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެނޑިޑޭޓަކު ކަނޑައަޅާނީ އެމްޑީޕީ މެންބަރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެމްޑީޕީ މެންބަރުން ބާކީ ވަމުންދާތަން އަޅުގަނޑަށް އެބަ ފެނޭ. އެކަން އެހެން ހިނގައިގެން ނުވާނެ. އެމްޑީޕީ މެންބަރުން ނިންމަންޖެހޭނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކީ ކޮބާތޯ. އެ މެންބަރުން ނިންމާ ގޮތުގެ މައްޗަށް އަބަދުވެސް ގެންދާނީ. އަޅުގަނޑުމެން އެންމެންވެސް އެއްބަސްވާނެ ޖެހޭނެ. އަދި އަޅުގަނޑު ދެކޭގޮތުގައި ރައީސް ޞޯލިޙާއި އަޅުގަނޑާ ނޫން އެހެން ބޭފުޅުންވެސް މިރޭހުގެ ތެރެއަށް ނުކުތުމަކީ ވަރަށް ބޭނުންތެރި ކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެހެން ނަމަވެސް މިޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ތަކުރާރުކޮށް ރައީސް ސޯލިހު އަންނަ ރިޔާސީ އިންތިހާބަށް ނިކުންނަވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ސޯލިހް މިހާތަނަށް ވެސް އެފަދަ ވާހަކައެއް ދައްކަވާފައި ނުވާ ކަމަށް ވެސް ނަޝީދު ފާހަގަ ކުރެއްވެވި އެވެ.

"އަޅުގަނޑު ލަފަޔެއް ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު [ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް] ނުކުންނަވާނެ ކަމަކަށް. އެހެންނަމަވެސް އަޅުގަނޑު ނުކުންނަ ވާހަކަ ތަކުރާރުކޮށް އެކި ގޮތްގޮތަށް އެބަ ބުނެވޭ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ސޯލިހަށް އަމާޒު ކުރައްވައި ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރާއްޖެއަށް އެންމެ ރަގަޅު ގޮތަކީ ބަރުލަމާނީ ނިޒާމު ކަމަށާއި ރާއްޖޭގެ ވެރިކަން ރީތިގޮތުގައި ހިންގޭނީ އިހަށްވެސް (ރައީސް ސޯލިހު) ގަބޫލުފުޅު ކުރެއްވި ގޮތަށް މިޙާރުވެސް ގަބޫލުފުޅު ކުރައްވައިގެން ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ މިސަރުކާރުގައި ރައީސް ސޯލިހުގެ އާއިލާ ބޭފުޅުން އެކިއެކި މަގާމްތަކުގައި ތިއްބަވާތަން އެބަ ފެނޭ ކަމަށާއި، އެއީ ދެރަކަމެއް ކަމަށެވެ.