އެމްޑީޕީގެ ޗެއާޕާސަން ހޮވުމަަށް މިއަދު ބޭއްވި އިންތިހާބުތަކުގައި ނަތީޖާ އިއުލާނު ކުރަމުންދާއިރު، މިހާތަނަަށް ސާފުކުރި ނަތީޖާއިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފައްޔަ) ކުރި ބޮޑު ތަފާތަކުން ހޯއްދަވައިފި އެވެ.

މިއަދުގެ އިންތިހާބަށް ރާއްޖޭގެ އެކި ތަންތަނުގައި 281 ވޯޓް ފޮށި ބަހައްޓާފައިވާއިރު 108 ވޯޓްފޮށީގެ ނަތީޖާ ވަނީ އިއުލާނު ކޮށްފަ އެވެ. ގިނަ ވޯޓް ފޮށިތަކުން ކުރި ހޯއްދެވީ ފައްޔާޒެވެ. އެ ވޯޓްފޮށިތަކުން ފައްޔާޒް ވަނީ 18،000 ވުރެ ގިނަ ވޯޓް ހޯއްދަވާފަ އެވެ. އިމްތިޔާޒަށް ލިބިފައިވަނީ 10،000 ވޯޓެވެ.

މިހާތަނަށް ގުނި 191 ވޯޓު ފޮށީގެ ނަތީޖާ އަށް ބަލާއިރު، ފައްޔާޒް ވަނީ 60 ޕަސެންޓް ވޯޓު ކާމިޔާބުކޮށްފަ އެވެ. އަދި އިންތި އާއި ފައްޔާޒާ ދެމެދު މިހާރު ވެސް ގާތްގަނޑަކަށް 6،000 ވޯޓުގެ ތަފާތު އެބައުޅެ އެވެ. އެހެންވެ، ބާކީ ހުރި ފޮށިތަކުން ބޮޑު ތަފާތަކުން އިންތި ކުރި ހޯއްދެވިޔަސް، ފައްޔާޒް މި އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރައްވާނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ.

ފައްޔާޒަަށް ތާއީދު އޮތް ކަމަަށް ބެލެވުނު ދާއިރާތަކުން ވަރަށް ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވާފައިވެ އެވެ. ބައެއް ވޯޓް ފޮށިތަކުން 90 ޕަސެންޓް ވޯޓް ހޯއްދަވާފައިވެ އެވެ. އިމްތިޔާޒް ފަހްމީއަށް ބޮޑު ތާއީދެއް އޮތް ރަށްރަށުން ފައްޔާޒަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިލާން ވެސް ޖެހުނެވެ.

މި އިންތިހާބުގައި ފައްޔާޒު ހޯއްްދެވި ކާމިޔާބީއާ ގުޅިގެން އޭނާގެ ސަޕޯޓަރުން އަންނަނީ ފާޅުކުރަމުންނެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ފައްޔާޒަށް އަންނަނީ މަރުހަބާ ވެސް ކިޔަމުންނެވެ.

އިންތިހާބު ދެ ގަޑިއިރަށް ދެންމުމަށް ފަހު ހައެއް ޖެހުމާ އެކު ވޯޓު ފޮށިތައް ބަންދުކުރަން ވަނީ 6:30 އިން ފެށިގެންނެވެ. ވޯޓު ގުނާފައި ވަނީ ވޯޓުލީ މަރުކަޒެއްގަ އެވެ. އަދި ވޯޓުލުމާއި ވޯޓު ގުނުމުގެ މަރުހަލާ ކުރިއަށްދިޔައިރު ވެސް ކެންޑިޑޭޓުންގެ މަންދޫބުނާއި މޮނިޓަރުންނާއި މީޑިއާއަށް ފުރުސަތު ދީފައިވެ އެވެ.