އިއްޔެ ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުން ބަލިވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެ އިންތިހާބު ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް މަރުހަބާ ދަންނަވައިފި އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އިންތި ވަނީ އެ އިންތިހާބުގައި އޭނާ އަށް ވޯޓު ހޯދައިދިނުމަށް މަސައްކަތްކުރި އެންމެހައި މެންބަރުންނަށް ޝުކުރު ދަންނަވާފަ އެވެ.

އެމްޑީޕީން މިވީހާ ދުވަހަކު ނަގަހައްޓަމުން އައި އަސާސްތަކާއި ހަމަތަކުގައި އެ ޕާޓީއާ އެކު އަބަދުވެސް ދެމި ހުންނަވާނެ ކަމަށް އިންތި ވިދާޅުވި އެވެ.

އިންތިހާބުން ބަލިވުމަށްފަހު އިންތި ބަހެއް ބުނެފައި މިވަނީ ގިނައިރުތަކެއް ފަހުންނެވެ. އެކަމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވި އެވެ.

މި އިންތިހާބާ ގުޅޭގޮތުން އިންތިހާބަށްފަހު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

ވަގުތީ ނަތީޖާއިން ދައްކަނީ ވޯޓުގެ 58 ޕަސެންޓް ފައްޔާޒަށް ލިބިފައިވާ ކަމަށެވެ. އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް ލިބިވަޑައިގަތީ 42 ޕަސެންޓެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން މި އިންތިހާބުގައި 49،370 މެމްބަރުން ވަނީ ވޯޓުލާފަ އެވެ. އޭގެ ތެރެއިން 28،514 މީހުން ވޯޓުލާފައިވަނީ ޗެއާޕާސަން ކަމަށް ފައްޔާޒު އިސްމާއީލް އިންތިޚާބު ކުރުމަށެވެ. އެއީ ވޯޓުލީ މީހުންގެ 58 ޕަސެންޓެވެ. އިންތިއަށް ވޯޓުލާފައިވަނީ 20،856 މީހުންނެވެ. އެއީ ވޯޓުލީ މީހުންގެ 42 ޕަސެންޓެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ކާމިޔާބުކުރެއްވިއްޖެކަން ޔަޤީންވުމާއެކު ސަޕޯޓަރުންނަށް ޝުކުރު އަދާކުރައްވާ ފައްޔާޒް ކުރެއްވި ޓުވީޓެއްގައި ވަނީ އެމްޑީޕީގެ މެންބަރުން މިއަދު ދިން ވޯޓަކީ މެންބަރުން އެދުނު ގޮތަށް ޕާޓީ ހިންގާލައި، އެމްޑީޕީއާއި ސަރުކާރާ އެއްކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ދިން ވޯޓެއް ކަމަށެވެ. އަދި އެކަމުގައި ދެގޮތެއް ނުވެ ހުންނަވާނެ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފަ އެވެ.