އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެޕާޓީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެފައިވާ އިކޮނޮމިކް މިނިސްތަރު ފައްޔާޒު އިސްމާއީލާ ބައްދަލުކުރައްވައިފި އެވެ.
ރައީސް ނަޝީދު އާއި ފައްޔާޒުގެ ބައްދަލުކުރެއްވުން އޮތީ މިއަދު އެމްޑީޕީ އޮފީހުގަ އެވެ.
މިމަހުގެ ސާދަ ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ފަހު މިއީ ރައީސް ނަޝީދާއެކު ފައްޔާޒު ބޭއްވި ފުރަތަމަ ބައްދަލުވުމެވެ. މިބައްދަލުވުމުގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިބައްދަލުވުމާ ބެހޭ ގޮތުން އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވީ މިބައްދަލުވުމުގައި މަޝަވަރާކޮށްފައި ވަނީ އެމްޑީޕީގެ ކުރިމަގާ ބެހޭ ގޮތުންނެވެ. އަދި މި ދައުރުގައި އެޕާޓީގެ ހަރަކާތްތައް އިތުރުކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވެސް މަޝްވަރާ ކޮށްފައިވާ އޮފިޝަލު ވިދާޅުވި އެވެ.
ފައްޔާޒަށް މަރުހަބާ ވިދާޅުވެ ރައީސް ނަޝީދު މިއަދު ހަވީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ފަޔާއަށާއި ފަޔާގެ ކެމްޕޭން ޓީމަށް އަދި އިންތިއަށާއި އިންތިގެ ޓީމަށް ވަރަށް ބޮޑަށް މަރުހަބާ. ފަޔާގެ ޗެއާޕާސަން ކަމުގައި އެމްޑީޕީއަށް އިތުރު ކާމިޔާބީތައް ހޯދައިދޭނެ ކަމީ އަޅުގަނޑު ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން،" ކަމަށެވެ.
އެ ޓުވީޓަށް ޝުކުރު އަދާކުރައްވައި ފައްޔާޒު ކުރެއްވި ޓުވީޓުގައި ވިދާޅުވީ "އަޅުގަނޑުމެންގެ ގައުމަށް ޑިމޮކްރަސީއާއި ތަރައްގީ ގެނައުމުގައި ކުރިޔަށްދާނީ ތިޔަބޭފުޅާގެ އިރުޝާދާއި އެހީތެރިކަމާއެކު. ކޭކޭބީކޭ،" ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ކާމިޔާބުކުރެއްވިއްޖެކަން ޔަޤީންވުމާއެކު ސަޕޯޓަރުންނަށް ޝުކުރު އަދާކުރައްވާ ފައްޔާޒް ކުރެއްވި ޓުވީޓެއްގައި ވަނީ އެމްޑީޕީގެ މެންބަރުން މިއަދު ދިން ވޯޓަކީ މެންބަރުން އެދުނު ގޮތަށް ޕާޓީ ހިންގާލައި، އެމްޑީޕީއާއި ސަރުކާރާ އެއްކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ދިން ވޯޓެއް ކަމަށެވެ. އަދި އެކަމުގައި ދެގޮތެއް ނުވެ ހުންނަވާނެ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފަ އެވެ.