އިންޑިއާގެ ފިލްމުތަކަށް ދޭ އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކެޑެމީ އެވޯޑްސް (އައިފާ) ކޮވިޑާ ގުޅިގެން ނުބާއްވާތާ ދެ އަހަރު ފަހުން ބާއްވަން ނިންމި އެވޯޑް ހަފްލާ އަނެއްކާ ވެސް ފަސްކޮށްފި އެވެ.
މިމަހުގެ 19 އިން 21 ވަނަ ދުވަހުގެ ނިޔަލަށް އައިފާ 22 ވަނަ އެވޯޑް ހަފްލާ ބޭއްވުމަށް މިފަހަރު ނިންމާފައިވަނީ ޔޫއޭއީގެ ވެރިރަށް އަބޫދާބީގަ އެވެ.
އެވޯޑް ހަފުލާ އިންތިޒާމުކުރާ ފަރާތުން ބުނީ މިމަހު އަބޫދާބީގައި ބޭއްވުމަށް ހަމަޖެހިފައިވާ އެވޯޑް ހަފްލާ ފަސްކުރީ މިދިޔަ ހުކުރު ދުވަހު ޔޫއޭއީގެ ރައީސް ޝައިހް ހަލީފާ ބިން ޒައިދު އަލް ނަހުޔާން އަވަހާރަވުމާ ގުޅިގެން އެ ގައުމަށް ލިބިފައިވާ ހިތާމާގައި ބައިވެރިވުމަށްޓަކައި ކަމަށެވެ.
މިހާރު އެ އެވޯޑް ހަފްލާ ބޭއްވުމަށް އައިފާއިން ނިންމާފައި ވަނީ ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ.
އައިފާ އިން ބުނީ އެވޯޑް ހަފުލާ ފަސްކުރަން ޖެހުމާ ގުޅިގެން ދުރާލައި ކުރިން ޓިކެޓް ނަގާފައިވާ ފަރާތްތަކަށް އާ ތާރީހަށް ޓިކެޓް ބަދަލުކުރުމުގެ އިންތިޒާމު ވެސް ހަމަޖެހޭނެ ކަމަށާއި މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް ވެސް އެދޭ ކަމަށެވެ.
މިފަހަރުގެ އައިފާ އެވޯޑް ހޯސްޓްކުރާނީ ސަލްމާން ޚާނެވެ.
އައިފާ އެވޯޑްސް އަކީ 2000 ވަނަ އަހަރުން ފެށިގެން ބާއްވަމުން އިންޑިއާގެ އެންމެ މަގުބޫލު އެއް އެވޯޑެވެ. އަދި މިއީ 2019 ގެ ފަހުން ކޮވިޑްގެ ހާލަތަށް ފަހު، އައިފާ ބާއްވާ ފުރަތަމަ ފަހަރު ވެސް މެ އެވެ.
މި އެވޯޑް ހަފުލާ 2019 އާ ހަމައަށް މުޅިން ވެސް ބާއްވަމުން އައީ ބޭރު ގައުމުތަކުގެ މަޝްހޫރު އެކި ސިޓީތަކުގަ އެވެ. އައިފާ އެންމެ ފުރަތަމަ އިންޑިއާގައި 2019 ގައި ބޭއްވި ހަފުލާ އޮތީ މުމްބާއީގަ އެވެ.