ފާރުތަކުގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ ލިޔަމުން ގެންދިޔައީ ސަރުކާރު ހިންގާ މައި ޕާޓީ ކަމަށްވާ އެމްޑީޕީއަށް ނިސްބަތްވާ މީހެއްކަން ހާމަވެއްޖެ އެވެ.

އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ހިންގުމުގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ހޯދަން އިއުލާންކުރީ އުމުރުން 34 އަހަރުގެ ކ. މާލެ، މއ. ލެއްގި، އަބްދުލް ޣައްފާރު އަބްދުލް ޣަފޫރެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ "އިންޑިއާ އައުޓް" ފާރުތަކުގައި ސްޕްރޭ ކުރުމުގެ މައްސަލައިގައި ކަމަށްވެ އެވެ.

އެ މީހާ ހައްޔަރުކޮށްފައި ވަނީ އޭނާ ދިރިއުޅެމުންދާ ގޭގެ ފާހާނާ ތެރޭގައި ފިލާ އޮއްވައި އިއްޔެ ހަވީރު 5:12 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން ކަނޑައަޅައި އެ އަމަލު ކުށްވެރިކުރަމުންދާއިރު، ގަވާއިދާ ހިލާފު ކަންތައްތައް ކޮށް، ރާއްޖޭގެ އަމަންކަން ނަގާލުމަށް މަސައްކަތް ކުރާކަމަށް އިދިކޮޅަށް ތުހުމަތުކޮށްފައިވެ އެވެ.

ހަމައެހެންމެ އޭޑީކޭ ހޮސްޕިޓަލާއި، އެހެނިހެން ތަންތަނުގައި "އިންޑިއާ އައުޓް" ޖަހައި ސްޕްރޭކުރަމުން ގެންދާއިރު، އެކަން ކުރަނީ ކޮން ބަޔަކުކަން ހާމަވެފައެއް ނުވެ އެވެ.

އެހެންނަމަވެސް މިކަމާ ގުޅިގެން ހައްޔަރުކުރި ޣައްފާރު ނިސްބަތްވާ ޕާޓީ ބެލިބެލުމުން އޭނާއަކީ އެމްޑީޕީއަށް ނިސްބަތްވާ މީހެއްކަން ވަނީ ހާމަވެފަ އެވެ. އޭނާގެ މައްޗަށް ކުށުގެ ރިކޯޑު އޮންނައިރު، އޭނާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން މީގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހެއްކަން ވެސް ހާމަވެފައިވެ އެވެ.

ޣައްފާރު ނިސްބަތްވާ ޕާޓީ އަންގައިދޭ ފޮޓޯއެއް. ފޮޓޯ: ދިޔަރެސް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން މި ހަރަކާތް ފަށާފައިވާއިރު، ޔާމީން ޖަލުން މިނިވަންވުމަށްފަހު މި ހަރަކާތް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.

އެގޮތުން ޖަލުން މިނިވަންވެ ވަޑައިގަތުމަށްފަހު އެމަނިކުފާނު ދިޔައީ އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގެން އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލަމުންނެވެ. ހަމައެހެންމެ، މި ހަރަކާތުގައި ބައިވެރިވެ، ގައުމުގެ ދިފާއުގައި އެންމެހައި ރައްޔިތުން ނިކުތުމަށް އެމަނިކުފާނު ގޮވާލާފައިވެ އެވެ.