މިމަހުގެ 14 ވަނަ ދުވަހު ވަނީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް އިންތިހާބު ބާއްވާ ނިންމާލާފަ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ފޯރިގަދަ ކެމްޕޭނެއް ފެނިގެންދިޔަ އެވެ. އެގޮތުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއެކު އިންތިހާބަށް ނުކުތް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ބޮޑު ތަފާތަކުން ބަލިކުރެއްވުމަށްފަހު، އިންތިހާބު ކާމިޔާބުކުރެއްވީ އެޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތާއީދާއެކު ނުކުތް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.
މިއީ އެތެރޭގެ އިންތިހާބެއް ނަމަވެސް ކެމްޕޭން ތެރެއިން ފެނިގެން ގޮސްފައިވަނީ ވާދަވެރި އިދިކޮޅު ފަރާތްތަކުން ކެމްޕޭން ކުރާ އުސޫލެކެވެ. އެގޮތުން ޕާޓީ ތެރޭގައި ދެ ފެކްޝަނެއް އުފެދި ބަހުގެ ހަމަލާތަކެއް ވަނީ ދީފަ އެވެ.
މި އިންތިހާބަކީ އެތެރޭގެ އިންތިހާބެއް ނަމަވެސް މުޅި ރާއްޖެ މިއިންތިހާބުގެ ނަތީޖާއަށް އިންތިޒާރު ކުރެވެން ފެށި އެވެ. އަދި މި އިންތިހާބަކީ އެމްޑީޕީގެ 2023 ގެ މަގުޗާޓު ކުރަހައިދޭ އިންތިހާބެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި އެވެ.
މީގެ އިތުރުން މިއިންތިހާބު ތެރޭގައި އަމިއްލަ ޕާޓީގެ ބައެއް ބޭފުޅުން ވަނީ އެ ޕާޓީ ހިމެނޭ ސަރުކާރު ގޯހޭ ކިޔައި ހަރުއަޑުކޮށް ރައްޔިތުންނަށް ކިޔައިދީފަ އެވެ. އަދި ޗެއާޕާސަން ކަމަށް ވާދަކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒާ ބެހޭ ގޮތުން ވެސް ތަފާތު ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ.
ރައީސް ސޯލިހާއި ފައްޔާޒުގެ އިތުރުން ފައްޔާޒަށް ތާއީދު ކުރައްވާ މަޖިލިސް މެންބަރުންނާއި އެހެން ބޭފުޅުން ބޮލުގައި ވެސް ވަގު ތުހުމަތުތައް ރައީސް ނަޝީދަށް ތާއީދުކުރާ ފެކްޝަނުން ވަނީ އަޅުވާފަ އެވެ.
މިހުރިހާ ތުހުމަތުތަކާއެކު ވެސް މި އިންތިހާބު ކާމިޔާބު ކޮށްފައި ވަނީ ރައީސް ސޯލިހަށް ފެކްޝަނުންނެވެ.
އެމްޑީޕީގެ ޗެއަޕާސަން އިންތިހާބުގެ ކެމްޕެއިން ކުރިއަށްދިޔައިރު ވެސް ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބީ މިއީ ރައީސް ސާލިހާއި ރައީސް ނަޝީދުގެ ތެރެއިން ޕާޓީގައި ތާއީދު ބޮޑީ ކޮން ބޭފުޅެއްގެތޯ ކަނޑައެޅިގެންދާނެ އިންތިހާބެއް ކަމަށެވެ.
ގިނަ ބަޔަކު ގަބޫލުކުރި ގޮތަށް މި އިންތިހާބުގައި ރައީސް ސޯލިހަށާއި ސަރުކާރަށް އޮތް ތާއީދު ރާއްޖޭގެ އެކި ހިސާބުތަކުން ވަނީ ދައްކާލާފަ އެވެ. އަދި ވޯޓުގެ ނަތީޖާއިން ސާފުކޮށްދިނީ މި ސަރުކާރަށް އިތުބާރު އޮތް ކަމެވެ. ދާއިރާތަކަށް މި ސަރުކާރުގައި ކޮށްދެމުން އަންނަ ކަންކަމާއި ހިންގާ މަޝްރޫއުތައް ބަލައިގަންނަ ކަމެވެ. ރައީސް ސޯލިހުގެ ސަރުކާރުގެ މިސްރާބު ރަނގަޅު ކަމަށް ވެސް އެ ނަތީޖާ އިން ސާފުވާ ކަމެވެ.
މީގެ ކުރިން ރައީސް ނަޝީދާއި ރައީސް ނަޝީދުގެ ފެކްޝަނަށް ތާއީދު އޮތްކަމަށް ބެލެވުނު އަތޮޅުތަކުން ވެސް ވަނީ ރައީސް ސޯލިހަށް ތާއީދުކުރާކަން ފައްޔާޒަށް ދިން ވޯޓުން ދައްކުވައިދީފަ އެވެ. އެގޮތުން މިބަދަލު ފެނުނު ބޮޑެތި އަތޮޅުތަކުގެ ތެރޭގައި ބ އަތޮޅު، ބޮޑު ތިލަދުންމަތި، އައްޑޫ ސިޓީ، ނ އަތޮޅު، މ އަތޮޅު، ފ އަތޮޅު އަދި ދ އަތޮޅު ހިމެނެ އެވެ.
މި އިންތިހާބާއެކު ސަރުކާރަށް އޮތް ތާއީދު ހާމަވެފައިވާއިރު، ދެން އޮތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބެވެ. އެ އިންތިހަބަށް ތައްޔާރުވާން ނެގި ޓެސްޓުން އެއޮތީ ކިތަންމެ ރަނގަޅަކަށް ވެސް ފާސްވެފަ އެވެ. ރިޔާސީ އިންތިހާބަށް ދާއިރު މި ސަރުކާރަށް ތާއީދު އޮތް މިންވަރު އެ ދަނީ ހާމަވަމުންނެވެ. ހަމައެކަނި ޔަގީން ނުވާކަމަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭނެ ފަރާތެކެވެ.
ރިޔާސީ ޕްރައިމަރީއެއް ބޭއްވިޔަސް މިހާރު އެމްޑީޕީގައި އެންމެ ތާއީދު ބޮޑީ ކޮން ބޭފުޅަކަށްކަން ސާފުކޮށް އެ އޮތީ ހާމަވާށެވެ. އެއީ ރައީސުލްޖުމްހުރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހުކަމާމެދު ޝައްކު އުފައްދާނެ ޖާގައެއް ވެސް މިހާރަކު ނެތެވެ. ޗެއާޕާސަން އިންތިހާބުގެ ނަތީޖާ އެހާ ވެސް ސާފެވެ.
މި އިންތިހާބުގައި 94,000 އަށް ވުރެން ގިނަ މީހުންނަށް ވޯޓުލެވެ އެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 50,000 މީހުން ވޯޓުގައި ބައިވެރިވި އެވެ. މިއީ އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީވެފައިވާ އެމްޑީޕީގެ ދަފްތަރުގައި ތިބި މެމްބަރުންގެ އަދަދެވެ. ފައްޔާޒަށް އިންތިހާބުގައި 27,900 ގިނަ ވޯޓު ލިބިވަޑައިގަތް އިރު އިންތިއަށް އަށް ލިބިވަޑައިގަތީ 20,200 ވޯޓެވެ. ދެ ބޭފުޅުންގެ ވޯޓުގެ ތަފާތު 7,000 އުޅެ އެވެ.