މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވީނުވީއެއް ނޭނގި ގެއްލުވާލި މައްސަލާގައި އޭނާގެ ބައްޕަގެ އިންޓަވިއުއެއް ޗެނަލް 13 އިން ގެނެސްދޭތީ އޭނާގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރިލްވާނަށް އިންސާފު ނުލިބޭ ކަމަށް ބުނެ އޭނާގެ ބައްޕަގެ އިންޓަވިއުއެއް މިރޭ ނުވަ ޖެހިއިރު "ރިލްވާންގެ ވާހަކަ" ކިޔާ ޕްރޮގުރާމެއްގައި ވަނީ ގެނެސްދީފަ އެވެ.

މި އިއްޓަވިއުއާ ގުޅިގެން ރިލްވާންގެ ދައްތަ ފާތުމަތު ޝެހެނާޒު ކުރި ޓުވީޓްގައި ބުނެފައި ވަނީ ޗެނަލް 13 އިން ނަގާފައިވާ އިންޓަވިއުއަކީ ރިލުވާނުގެ "ބަލި" ބައްޕަގެ އިންޓަވިއުއެއް ކަމަށެވެ. އޭނާގެ ބައްޕައަކީ މިހާރު ބަލި މީހެއް ކަމަށާއި ކަންކަން ރަނގަޅަށް ހަނދާން ވެސް ނުހުންނަ ކަމަށް ޝެހެނާޒް ވަނީ ބުނެފަ އެވެ.

އަދި އާއިލާއަށް ނޭނގި ބައްޕަގެ ބަލި ހާލަތަށް ވެސް ނުބަލައި އިންޓަވިއު ނަގައިގެން ސިޔާސީ ވަކި ވިސްނުމެއްގައި އެފަދަ ދަށު ދަރަޖައިގެ އަމަލެއް ހިންގާތީ އާއިލާއިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ޝެހެނާޒް ބުނި އެވެ.

ގަދަކަމުން ރަހީނު ކޮށްގެން ގެންގޮސް ރިލްވާން ގެއްލުވާލާފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ރޭ ހުޅުމާލެއިންނެވެ. މަރު ކޮމިޝަނުން ބުނީ ބަޔަކު ރިލްވާނަށް ފާރަލާ ހުޅުމާލެއިން ކާރަކަށް ގަދަކަމުން އަރުވާފައިވާ ކަމަށެވެ. އަދި ރިލްވާން ގަދަކަމުން ކާރަކަށް އަރުގައިވެގެން ދިޔަ ރޭގައި، އޭނާ ގެންދިޔައީ ހުޅުމާލޭގެ ފަޅުގައި އަޅާފައި އޮތް ޑިންގީއަކަށް ކަމަށް މަރު ކޮމިޝަނުން ބުނެ އެވެ.

އެ ޑިންގީގައި އޭނާ ގެންދިޔައީ ކަނޑުގައި އޮތް އުޅަނދަކަށް ކަމަށާ، އޭނާ މަރާލީ އުޅަނދުގައި ކަމަށް މަރު ކޮމިޝަނުން ވަނީ ބުނެފަ އެވެ. ރިލްވާން މަރާލުމުގެ ކުރިން އޭނާއަށް ޝަހާދަތް ލައިދިން ކަމަށާއި، އޭނާ މަރާލީ ކުފުރުވުމުން ކަމަށް ބުނެ ކަމުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށް މަރު ކޮމިޝަނުން ބުނެފައި ވެ އެވެ. ރިލްވާން މަރާލުމަށްފަހު އޭނާ ވަނީ ކަނޑުފައްތާފައި ކަމަށް ވެސް މަރު ކޮމިޝަނުން ބުނެފައިވެ އެވެ.

ރިލްވާނަށް އިންސާފު ހޯދައިދިނުމަކީ ރައީސް ސޯލިހު ރިޔާސީ ވައުދެކެވެ.