"ބޮޑު ބުޅަލާ ނާދޭ މިގޭ ދޮށަށް ނާދޭ" މިއީ ކުޑަކުދިން މަސަލަސް ކޮށްގެން ނިންދަވަން އިހުގައި މީހުން ކިޔާ އުޅުނު ބަންޖެކެވެ. މި ބަނދީގައި ބުޅާދެކެ ޅަދަރިން ބިރު ގަންނަވަން ކިތަންމެ މަސައްކަތެއް ކުރި ކަމަށް ވިޔަސް ހަގީގަތުގައި ބުޅަލަކީ ބިރުވެރި ނުރައްކާތެރި އެއްޗެއް ނޫންކަން އެ ބަނދި ކިޔާ މީހުނަށް ރަނގަޅަށް އެނގެ އެވެ.

ބަނދީގެ އަޑުއިވި ބަސްއަހައިގެން ނިދާލާ ކުޑަ ކުއްޖާ ވެސް ހޭޖެހެމުން ދިޔަ ވަރަކަށް ބުޅާ ދެކެ ބިރުގަތުމުގެ ބަދަލުގައި ޖެހެނީ ކުލުނެވެ. ރާއްޖޭގެ ގެއެއްގައި ބެނާ އެއް ދަމައިގެން ވެސް އާންމުން ބިރު ގަނެ ގައުމުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ފެނި ކޯޓު އަމުރެއްގެ ދަށުން އެ ބެނާ ނެގި ނެގުމާމެދު ކޯޓުގައި ފުލުހުން ދައްކާ ވާހަކަ ވެސް ބޮޑަށް ވައްތަރީ އެފަދަ ބަންޖަކާ އެވެ.

ބެނާ ނެގުމަށްޓަކައި ކޯޓުން ނެރުނު އަމުރުގެ ސައްހަކަމާ މެދު ސުވާލު އުފައްދައި ގޭގެ ވެރިފަރާތް ކަމުގައިވާ ކުރީގެ ރައީސް ޔާމީން މައްސަލަ އިސްތިއުނާފު ކުރެއްވުމުން އެ މަޖިލީހުގައި ވެސް ފުލުހުން ބުނެފައި ވަނީ ބެނާގެ ސަބަބުން މީހުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ކަމަށެވެ. ބެނާއަކީ ރައްޔިތުން ބިރު ގެންނެވުމަށް ދަމާފައިވާ އެއްޗަކަށް ވާތީ އެ ދެމި ފަރާތަކުން އެކުރީ ކުށެއް ކަމަށާއި ކޯޓު އަމުރު ހޯދީ އެކުށާ ބެހޭ ހެކި ހޯދުމަށް ކަމުގައި ވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ އެ ވާހަކަ އާންމުންނަށް ފަހުމު ނުވިޔަސް އެއީ މައްސަލައެއް ނޫނެވެ. ކޯޓުތަކުގައި ދެކެވޭ ވާހަކަތަކަކީ ވަކި ޚާއްސަ ބަހުރުވައަކުން ވަކި މަފުހޫމްތަކެއްގެ ތެރެއިން ދައްކާ ވާހަކައަކަށް ވާތީ އެފަދަ ވާހަކަތައް ރަނގަޅަށް ތިލަކޮށް ވިސްނައިގަންނަން އެނގޭނީ ގާނޫނީ އިލްމުވެރިންނަށް ކަމަށް ބެލެވެ އެވެ.

ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައިވާ އިންޑިއާއައުޓް ބެނާ ނަގައިގެން ފުލުހުން ގެންދަނީ

ކޯޓަށް މައްސަލައެއް ވައްދާ ކޮންމެ މީހަކާއެކު ގާނޫނީ ވަކީލަކު ހުންނަން ޖެހެނީ މިފަދަ ސަބަބުތަކާ ހެދި އެވެ. ނަމަވެސް މިފަހަރު ފުލުހުން ދެއްކި ވާހަކަ ހަގީގީ ގާނޫނީ މާހިރުންނަށް ވެސް ދޭހަވާ ގޮތެއް ނުވި އެވެ. މައްސަލަ ބައްލަވަން ހައި ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަށް ވެސް ފުލުހުންގެ ވާހަކަ އޮޅުންނުފިލުމުގެ ސަބަބުން، ޖެހުނީ ފުލުފުލުން ސުވާލުތަކެއް ކުރިމަތިކުރާށެވެ.

ބެނާދެކެ ބިރުން މީހަކު ރިޕޯޓުކުރިތޯ ފަނޑިޔާރު ސުވާލު ކުރެއްވި އެވެ. އެ ސުވާލުގެ ޖަވާބުގައި ފުލުހުން ބުނަނީ އެއްވެސް މީހަކު ބިރުގަނެގެން އެކަން ރިޕޯޓު ނުކުރިކަމުގައި ވިޔަސް ބެނާ ނަގަން ޖެހުނީ ފުލުހުން އަމިއްލަޔަށް އިސް ނަގައިގެން ކަމަށެވެ.

ސަބަބަކީ ހަމަ އާންމުން ބިރުގަނެފާނެތީ އެވެ. ރައްޔިތުން ބިރު ގަންނަވަން ބަޔަކު ނުވަތަ މީހަކު އުޅޭތީ އެކަމާ ބެހޭ ހެކި ހޯދަން ފުލުހުން ހޯދި ކޯޓު އަމުރުގެ ދަށުން ހޯދީ ކޮން ހެއްކެއްތޯ ވެސް ފަނޑިޔާރުން ސުވާލު ކުރި އެވެ. ޖަވާބުގައި ފުލުހުން ބުނީ ހޯދި ހެއްކަކީ ބެނާ ކަމަށެވެ. ކޯޓު އަމުރުގެ ދަށުން ފުލުހުން ހެކި ހޯދަނީ ކުށްކުރާ ފަރާތުން ހެކި ފޮރުވައި އެ ހެކި ނައްތާލާނެކަމުގެ ބިރު އޮތުމުންނެވެ. އެހެނަސް މިފަހަރު ފުލުހުން ހޯދަން ބޭނުންވާ ހެކި ހުރީ އެންމެންނަށް ފެންނާނެހެން ގޭގެ ބޭރުގައި ދަމާފަ އެވެ. އެހެންކަމުން މިނުކުތާ ވެސް ފަނޑިޔާރުން ފާހަގަކޮށް ފުލުހުންނާ ސުވާލު ކުރިމަތި ކުރި އެވެ.

ފަނޑިޔާރުންގެ ސުވާލަކީ ތިވަރުން ކޯޓު އަމުރެއް ނެރެގެން ތިޔަ ހޯދި ހެކި (ބެނާ) ނަގަން ގޭގެ ވެރިފަރާތަށް އެންގީމެއް ނޫން ހެއްޔެވެ؟ އެ އެންގުމާ އެއްގޮތަށް ގޭގެ ވެރިފަރާތުން ބެނާ ނެގި ނަމަ ހެކި ނައްތާލުން ކަމުގައި ނުވާނެ ހެއްޔެވެ؟

ފަނޑިޔާރުންގެ ސުވާލުތަކަށް ދެވޭނެ އެކަށޭނަ ޖަވާބެއް ނެތް ނަމަ ވެސް ފުލުހުން ތަކުރާރުކޮށް ބުނަމުން ގެންދިޔައީ އިންޑިއާ އައުޓް ޖަހާފައިވާ ބެނާ އިން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭ ކަމަށެވެ. އެ ވަރުގެ ވާހަކައެއް ފުލުހުން ދައްކާނީ ކޮންމެވެސް ހަގީގަތެއްގެ މައްޗަށް ބުރަވެ ކަމުގައި ގަބޫލު ކުރަން ޖެހެ އެވެ. އެހެންކަމުން މި ބެނާގެ މައްސަލައިގައި ބިރުން އުޅެނީ ރައްޔިތުންގެ ތެރެއިން ކޮންބައެއްތޯ ވިސްނާލުމަކީ ނެތްކަމެއް ނޫނެވެ.

އިންޑިއާ އައުޓް ބެނާޕީޕީއެމް އޮފީހުގައި ދަމާފައި

ކަންތައް ހިނގަމުންދާ ގޮތަށް ބަލާއިރު ރާއްޖޭގެ ލޮބުވެތި ރައީސުލް ޖުމުހޫރިއްޔާގެ ހިތްޕުޅަށް އިންޑިއާ އައުޓް ބެނާއިން ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް އުފެދިފައިވާކަން އެނގެ އެވެ. އާންމު ގޮތެއްގައި ގާނޫނާ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތަވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ، މަޑުމައިތިރި، ހިތްތިރި، ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު، ގާނޫނު އަސާސީއާ ފުށުއަރާ ގޮތަށް ރިޔާސީ ގަރާރެއް ނެރުއްވައި އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން އެންގެވީ އެމަނިކުފާނުގެ ހިތްޕުޅަށް އެ ހަރަކާތުގެ ސަބަބުން ބިރުވެރިކަމެއް އުފެދިގެން ކަމާމެދަކު ޝައްކެއް ނެތެވެ.

އެ މަނިކުފާނުގެ ގަރާރުގައި އިންޑިއާ އައުޓު ހަރަކާތުގެ ސަބަބުން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދި ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަން ފާހަގަ ކުރައްވާފައިވެ އެވެ.

ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާއަކީ ހުރިހާ ރައްޔިތުން ތަމްސީލުކުރައްވާ ބޭފުޅާކަމުން އެމަނިކުފާނުގެ ހިތްޕުޅަށް ބިރުވެތި ކަމެއް ވަދެ ކަންބޮޑުވުން އުފެދުމަކީ ރާއްޖޭގެ ރައްޔިތުން ބިރުގަތުން ކަމުގައި މާނަކުރެވިދާނެ މަފުހޫމެއް ދިވެހި ފުލުހުން ގެންގުޅެނީ ކަމަށް ވެދާނެ އެވެ. ކޯޓުގައި ފުލުހުން ދެއްކި ވާހަކަތައް ހަމަޖައްސަން މިކަހަލަ ކިތަންމެ ގޮތަކަށް ވިސްނިކަމުގައި ވިޔަސް ނަތީޖާ ގޮސް ގުޅެނީ ރާއްޖޭގައި ފައި ހަރުކޮށްގެން ތިބި އިންޑިއާ ސިފައިންގެ ލަޝްކަރާ އެވެ.

އިންޑިޔާގެ ވައިގެ ސިފައިންގެ ވިންގެއް ރާއްޖޭގައި ހެލިކޮޕްޓަރާއި މަތިންދާ ބޯޓާއެކު ގާއިމުވެ ތިބި ކަމީ ހަގީގަތެކެވެ. އެ ސިފައިން ރާއްޖެއިން ފައިބައިގެން ދާން ދިވެހިސަރުކާރުން އެންގުމުން ނުގޮސް ތިބި ކަމީ ވެސް ދުރު ނޫން މާޒީއަކުން ފެންނަން އޮތް ހަގީގަތެކެވެ. އެހެންކަމުން އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމަކީ އިންޑިއާ ސަރުކާރަށް ކިހާ މުހިންމުކަމެއް ކަން ރާއްޖޭގެ ވެރިއަކަށް ހުންނެވި ބޭފުޅަކަށް އޮޅިވަޑައިގަންނަވާފައެއް ނޯންނާނެ އެވެ.

ރައީސް ބިރުފުޅުގެން ވަޑައިގަންނަވަނީ އެ ސަބަބާ ހުރެ އެވެ. އިންޑިއާ އައުޓު ހަރަކާތުގެ ސަބަބުން ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ފައިބަން ޖެހޭ ފަދަ ހާލަތަކަށް ހިނގައްޖެ ނަމަ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމުގެ ހުވަފެން ބިލާހަކަށް ވެގެން ހިނގައިދާނެ ކަމުގެ ބިރަކީ ރައީސްގެ ހަގީގީ ބިރެވެ. އެ ބިރު މިއަދު މިވަނީ ރައްޔިތުންގެ ބިރަކަށް ވެފަ އެވެ. ގަބޫލު ކުރެވުނަސް ނުކުރެވުނަސް ފުލުހުން އެ ދައްކާ ވާހަކައަކީ އެއީ އެވެ. އެހެން ގޮތަކަށް ބުނާނަމަ ފުލުހުން އެ ކިޔަނީ "ބޮޑުބުޅަލާ ނާދޭ މިގޭ ދޮށަށް ނާދޭ" އެވެ.