ސިޔާސީ ޕާޓީތަކުގެ ދަފުތަރު އިލެކްޝަން ކޮމިޝަންގެ ދަފުތަރާ އެއް ގޮތަށް އެކުލަވާލަން އެންގީ އެކޮމިޝަނުން "ވަގަން" ނަގާ މެންބަރުގެ މައުލޫމާތު ހައްސަ ކުރުމުގެ ގޮތުން ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފްތަރާއި އެއްގޮތަށް ސިޔާސީ ޕާޓީތަކުގެ ދަފުތަރު އެކުލަވާލަން އީސީން އެންގުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވެ ކުރީގެ ނައިބް ރައީސް ޑރ. ޖަމީލު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ ދަފްތަރާ އެއްގޮތަށް ޕާޓީތަކުގެ ދަފްތަރު އެކުލަވާލަން އެދިފައިވަނީ އެކޮމިޝަނަށް ލިބިދޭ ގާނޫނީ ހައިސިއްޔަތެއް ނޫން ކަމަށެވެ. އަދި އެކަން ސިޔާސީ ޕާޓީތަކުގެ ގާނޫނުން ސާފުވެގެންދާނެ ކަމަށްވެސް ޑރ. ޖަމީލު ވިދާޅުވި އެވެ.

ޑރ. ޖަމީލު ވިދާޅުވީ އެކަން އިލެކްޝަން ކޮމިޝަނުން ކުރަނީ އެކޮމިޝަންގެ އިހުމާލުން ނުވަތަ ބައިވެރިވުން އޮވެގެން ޕާޓީތަކުގެ މެމްބަރުން "ވަގަށް ނަގައި" އެހެން ޕާޓީތަކަށް ވައްދާ މައްސަލަ ސައްހަކުރަން ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ ޖަރީމާއެއް ކަމަށެވެ.

"މިއީ އީސީން ގާނޫނީ ހައިސިއްޔަތެއް ލިބިގެން ކުރަން އުޅޭކަމެއް ނޫންކަން ގާނޫނު. 2013/4 އިން ސާފު. ކަމިޝަނުގެ އިހްމާލުން ނުވަތަ ބައިވެރިވުން އޮވެގެން ޕާޓީތަކުގެ މެމްބަރުން ވަގަށް ނަގާ އެހެން ޕާޓީތަކަށް ވައްދާ މައްސަލަ ޞައްޙަކުރަން މިއުޅެނީ. މިއީ ކަންބޮޑުވާން ޖެހޭ ޖަރީމާއެއް،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ މެންބަރުން ވަގަށް ނަގާ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވެފައިވަނީ އިދިކޮޅު ޕީޕީއެމްގެ ވަރަށް ގިނަ އަދަދެއްގެ މެންބަރުން އަލަށް އުފެއްދި މޯލްޑިވްސް ނެޝަނަލް ޕާޓީ އާއި އަދާލަތު ޕާޓީއަށް ބަދަލުވެފައިވުމާއި ގުޅިގެންނެވެ. އެމީހުންނަށް ނޭނގި އެތައް ބައެއްގެ ނަމުގައި ވަގު ފޯމުތަކެއް ވަނީ އީސީއަށް ވައްދާފަ އެވެ.

ޕީއެސްއެމްގެ ޕްރޮގުރާމެއްގައި މިިދިޔަ ހޯމަ ދުވަހުގެ ރޭ އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި، ރަޖިސްޓްރީ ވެފައިވާ ޕާޓީން ނޫން ޕާޓީތަކުގެ ޕްރައިމަރީގައި ވޯޓުލުން ފަދަ ކަންކަން ރަނގަޅު ކުރެވޭނީ އީސީގެ ދަފުތަރާ އެއްގޮތަށް ސިޔާސީ ޕާޓީތަކުން ވެސް ދަފުރަތު އެކުލަވައިލުމުން ކަމަށެވެ. އަދި އީސީގެ ދަފުތަރާ އެއްގޮތަށް ޕާޓީތަކުގެ ދަފުތަރު ބައްޓަންކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.