ވިލިމާލޭ ހޮސްޕިޓަލުގައި ކުޑަކުދިންތަކަކަށް މުއްދަތު ހަމަވެފައިވާ ވެކްސިން ދިން މައްސަލައިގައި އިހުމާލުވި ފަރާތްތަކާ މެދުގައި ފިޔަވަޅު އަޅާނެ ކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ބުނެފި އެވެ.

މުއްދަތު ހަމަވެފައި ހުރި ވެކްސިންތަކެއް ވިލިމާލޭ ހޮސްޕިޓަލުގައި ކުޑަކުދިންގެ ގަޔަށް ޖަހާފައިވާ މައްސަލައާއި ބެހޭ ގޮތުގައި އައިޖީއެމްއެޗް އިން ނެރުނު ބަޔާނެއްގައި ބުނީ، މުއްދަތު ހަމަވެފައިވާ ވެކްސިން އެ ހޮސްޕިޓަލުން ދިން މައްސަލައެއް އައިޖީއެމްއެޗްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށްވެސް އެހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

އައިޖީއެމްއެޗްއިން ބުނީ އެމައްސަލަ އެހޮސްޕިޓަލާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ތަހުގީގު ކުރަމުންދާ ކަމަށާއި އެ މައްސަލައިގައި އިހުމާލުވާ މީހުންނާމެދު ފިޔަވަޅުއަޅާނެ ކަމަށެވެ.

"މިމައްސަލައިގައި އިހުމާލުވާ ފަރާތްތަކާއި މެދު އަޅަން ޖެހޭ ފިޔަވަޅު އަޅައި، މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން އަރުވަމެވެ" އައިޖީއެމްއެޗުން ބުންޏެވެ.

މީގެ އިތުރުން އެހޮސްޕިޓަލުން ބުނީ، މިމައްސަލަ ފެންމަތިވުމާއި ގުޅިގެން ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

ވިލިމާލޭ ހޮސްޕިޓަލުން ކުޑަކުދިންނަށް މުއްދަތު ހަމަވެފައިވާ ވެކްސިން ދިން މައްސަލައިގައި ވިލިމާލެ ދާއިރާގެ މެންބަރު އަޙުމަދު އުޝާމް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ކުރެއްވި ޓުވީޓެއްގައި ވަނީ ކުޑަކުދިންތަކަކަށް ދުވަސް ހަމަވެފައިވާ ވެކްސިންއެއް ދީފައިވާކަމުގެ ޝަކުވާ ވިލިމާލޭގެ ގިނަ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށް ވިދާޅުވެފަ އެވެ.

"މިއީ ވަރަށް ސީރިއަސް މައްސަލައެއް. މިފަދަ ކަމެއް ހިނގާފައިވާ ގޮތެއް ސަރުކާރުން ސާފުކޮށްދޭން ޖެހޭ،" މެމްބަރު ވިދާޅުވި އެވެ.

ކުޑަކުދިންނަށް ދީފައިވަނީ ކޮން ވެކްސިންއެއްކަން ޔަގީން ނުވިނަމަވެސް، ވިލިމާލެ ދާއިރާގެ މެމްބަރު އެ މައްސަލަ ފާހަގަކުރައްވައި ކުރި ޓުވީޓްގައި ހިއްސާކުރައްވާފައިވަނީ ވެކްސިން ވަޔަލްގެ ފޮޓޯއެކެވެ. އަދި އެ ވެކްސިން މި އަހަރުގެ ޖެނުއަރީ މަހުގައި މުއްދަތު ހަމަވެފައިވާ ކަމަށް ބުނެފައިވެ އެވެ.